25 Jul 2012, 23:09
ދިވެހިން ދިރިއުޅުނު ސުހްލަވެރި ރާއްޖެ ހޯދައި ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކަށް ދޫދީ، އެކަކު އަނެއްގެ ޝަކުވާ އަޑުއަހަން ޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެކަނބަލުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެހުމާނުންނަށް މަރުހަބާ ދެންނެވުމަށް ކުރުކުރުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ މިނިވަން ކަމާއި ތަރައްގީއަކީ ދިވެހި ރައްޔިތުންނާއި ދިވެހިންގެ ކާބަފައިން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ނަތީޖާ ކަމަށާއި މިވަގުތަކީ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް ރާއްޖޭގެ މިވަގުތު ހާލަތާމެދު ފިކުރު ކުރުމުގެ މުނާސަބަތު ކަމަށެވެ.
"... އަޅުގަނޑުމެންގެ ކާބަފައިން ދިވެހި ގައުމަށްޓަކައި ކުރައްވާފައިވާ ގިނަގުނަ ހިދުމަތްތަކާއި ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީ، އެކަމަށްޓަކައި މިވަގުތަކީ އެހުރިހާ ފަރާތްތަކަށް ހިތުގެ އަޑީން ޝުކުރު ދެންނެވުމުގެ ވަގުތު! އަދި ހަމައެހެން މިއީ ރާއްޖޭގެ މިވަގުތުގެ ހާލަތާ ދޭތެރޭގައި ކޮންމެވެސް ވަރަކަށް ފިކުރުކޮށްލުމަށް ވެސް މުނާސަބު ވަގުތެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި އޮތް އެންމެ ރީތި އެއް ގައުމު ކަމަށާއި ރާއްޖެއަކީ ތަނަވަސް ފާގަތި އޮމާން އަމާން ސުލްހަވެރި އެކުވެރި ގައުމެއް ކަމަށް އިޝާރްތް ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ކަންކަން މިއަދު ބަދަލުވެފައި ވިޔަސް ދިވެހި އުންމީދު ކުރަނީ އަދި ހުވަފެން ދެކެނީ އަމާން އޮމާން ސުލްހަވެރި ރާއްޖެއަކަށް ކަމަށެވެ.
"އަޅުގަނޑުމެން ބޮޑުވަމުން އާއިރު ދިވެހި ރާއްޖެއަކީ ވަރަށް އެކުވެރި ވަރަށް ސުލްހަވެރި ތަނެއް. އަޅުގަނޑު ހަނދާން އެބަހުރި ކުޑައިރު މި ޗަންދަނީ މަގަށް ނުކުމެ އަޅުގަނޑާ އަޅުގަނޑުގެ އެކުވެރިން ފުޓްބޯޅަ ކުޅެން އުޅޭ ހަނދާން،" ރައީސް ވިދާޅުވި އެވެ. "ޒަމާން މިއޮތީ ބަދަލުވެފައި ރައްޖޭގެ ރަށްތައް މިހުރީ ބަދަލުވެފައި އަދި އަޅުގަނޑުމެން ވެސް މިތިބީ ވަރަށް ބޮޑަށް ބދަލުވެފައި. އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު ވެސް ކުރާ އުންމީދަކީ ސުލްހަވެރިކަމާ އެކީގައި އަޅުގަނޑުމެން ރަށްތަކާއި މަގުމަތީގައި އުޅުމުގެ ފުރުސަތު އޮތުން. އަޅުގަނޑުމެންގެ ދަރިންނާއެކުގައި އަޅުގަނޑުމެންގެ ކާފަ ދަރިންނާއެކުގައި މަގުމަތީގައި ހިނގާލުމުގެ އުންމީދު! އަދި ހަމައެހެން މަގުމަތިން އަޅުގަނޑުމެންގެ ރަހުމަތްތެރިންނާ ބައްދަލުވެ ސަލާމްކޮށް ހާލު އަހުވާލު އަހާލުމުގެ ފުރުސަތު،"
ރައީސް ވިދާޅުވީ އެ އުންމީދުތައް ހަގީގަތަށް ހެދިދާނެ ކަމަށާއި އެކަން ކުރެވޭނީ މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކަށް އަޅާލައި ބަޔަކަށްވެ، އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި އެއް ބަޔަކު އަނެއް ބައެއްގެ ޝަކުވާ އަޑު އަހައި އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ދެންނެވި އުންމީދުތަކަކީ ހަގީގަތަކަށް ހެދިދާނެ އެއްޗެއް މި ހުވަފެންތަކަކީ އަޅުގަނޑުމެނަށް ހޯދިދާނެ [ކުލަ ޖެއްސިދާނެ] ހުވަފެންތަކެއް. އެހެންމަވެސް އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި އެގޮތުން މިއަދު އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ މިހާރަށް ވުރެ ބޮޑަށް އެކަކު އަނެކަކާ އަޅައިލަން. އެކަކު އަނެކަކަށް ހެޔޮކޮށް ހިތަން، ދޫކުރަން. އަދި އެއްބަޔަކު އަނެއް ބައެއްގެ ޝަކުވާ އަޑު އަހަން. ހާއްސަކޮށް އަޅުގަނޑުމެންގެ ގައުމުގެ މައްސަލަހަތު އަޅުގަނޑުމެންގެ އަމިއްލަ މައްސަލަހަތައްވުރެ އިސްކުރަން،" ވާހަކޮޅު ރައީސް ނިންމަވާލެއްވި އެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމް ޙުސައިން މިރޭ މާލޭ ގައުމީ ދާރުލް އާސާރުގައި ބޭއްވި ރަސްމީ ހަފުލާއަށް ރާއްޖޭގެ ނައިބު ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، އުއްތަމަ ފަނޑިޔާރާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވި އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިން ވެސް ތިއްބެވި އެވެ.
މިއީ މިފަދަ ރަސްމިއްޔާތެއް ދާރުލް އާސާރުގައި ބެއްވި ފުރަތަމަ ފަހަރެވެ.