އިންޑިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޤައުމުގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޕްރަނާބް މުކަރްޖީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ. އަދި މި ކާމިޔާބީއިން ދައްކައިދެނީ، ޕްރަނާބް މުކަރްޖީއަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި އިންޑިޔާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެކަން ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ޕްރަނާބް މުކަރްޖީގެ ވެރިކަމުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޕްރަނާބް މުކަރްޖީ އިންޑިޔާގެ ރައީސްކަމުގެ ހުވާ ކުރެއްވީ، މިއަދު މެންދުރުކުރީގެ ވަގުތެއްގައެވެ.