25 Jul 2012, 19:03
ޝޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް 2010 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސޮފްޓްވެއާއެއް ބޭނުންކޮށްގެން މީހުންގެ ބަރަހަނާ މަންޒަރު ރިކޯޑުކޮށް އެ ވީޑިއޯތަށް ބޭނުންކޮށްގެން ބަރަހަނާވި މީހުން ބްލެކްމެއިލް ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 20 މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ މީހުން ބަރަހަނާ ކުރި 10 މީހަކާއި އަމިއްލައަށް ބަރަހަނާވި 10 މީހެކެވެ.
ދައުވާ ކުރަން ފޮނުވި 20 މީހުންގެ ތެރެއިން ފުލުހުން މިރޭ އާންމުކޮށްފައި ވަނީ ހަމައެކަނި ބަރަހަނާ ކުރި ނުވަ މީހެއްގެ ވަނަވަރެވެ.
ފުލުހުން މިރޭ އާންމުކުރި އެ އެންމެން ނަކީވެސް އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ މީހުންނެވެ.
އެ ނުވަ މީހުންނަކީ އައްޑޫ ސިޓީގެ ހިތަދޫ، މަނާގޭ، މުހައްމަދު މުއުމިނު 26، އާއި އުދާސް، އަހުމަދު މުހައްމަދު 26، އާއި ހަމައެގޭ ހުސެއިން ޝާހު 24، އާއި ފްލާވާމީޑް، މުހައްމަދު މިންސަރު 24، އާއި ރަތްފިނިފެންމާގޭ، އަޒުމީނު އިސްހާގު 23، އާއި އޭނާގެ ކޮށްކޮ އިބްރާހިމް އިއްސާގު 20، އާއި ފެހިކުރި، އަހުމަދު ތާއިފް 21، އާއި ވައިޖެހޭގޭ، މުހައްމަދު އިސްހާގު 27، އާއި އޭނާގެ ކޮށްކޮ އަލީ އިސްހާގު 26، އެވެ.
މި މީހުންގެ ތެރެއިން އަލީ އިސްހާގަކީ މަސްތުވާ ބޭހެއް ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށް ޝަރީއަތަށް ސާބިރުވެ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ހުކުމް ކޮށްފައިވާ މީހެކެވެ.
ބަރަހަނާކުރި އެ 10 މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ކުޑަކުއްޖަކަށްވާތީ އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުންް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މި 10 މީހުން ވެގެން ބަރަހަނާވި މީހުންނަށް އެ މީހުންގެ ބަރަހަނާ ފޮޓޯ އާއި ވިޑީއޯ ދައްކައި ބްލެކްމެއިލް ކޮށްގެން އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށެވެ. އަދި އެމީހުން އާންމު ކުރި ވީޑިއޯ ތަކުގެ ތެރޭ 60 އާއި 70 އާ ދެމެދުގެ އަދަދަކަށް މީހުންގެ ބަރަހަނާ ވީޑިއޯ ހުރިކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ ޕޮލިސީ ލެވެލްގައި ހުރި މައްސަލަތަކާ އެކު ދިގުދެމިގެން ދިޔަ އެ މައްސަލާ އާއި ގުޅޭ ގޮތުން ރިޔާޒު ވިދާޅުވީ އައްޑޫގައި ތިބެގެން ބްލެކްމެއިލް ކުރަމުންދިޔަ ފަރާތްތަކުގެ ފައިސާ ޖަމާކޮށްފައިވަނީ މާލޭގައި ހުރި ފިހާރައެއް މެދުވެރިކޮށް އައްޑޫގެ ފިހާރައަކަށް ކަމަށެވެ. އަދި އެމީހުން އެކަން ކޮށްފައިވަނީ ރަށްރަށުގެ ފިހާރަތަކަށް މާލެއިން ފައިސާ ފޮނުވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ބްލެކްމެއިލް ކުރުމުގައި އުޅުނު މީހުން އެ މީހުން ބްލެކްމެއިލް ކުރި ބައެއް މީހުންނާއި ސީދާ ބައްދަލު ކުރުމަށްފަހު ވެސް ފައިސާ ހޯދާފައިވާ ކަމަށެވެ.
ބަރަހަނާކުރި މީހުންގެ މައުލޫމާތު އާންމު ކުރި ނަމަވެސް އަމިއްލައަށް ބަރަހަނާވި މީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
ރިޔާޒު ވިދާޅުވީ އަމިއްލައަށް ބަރަހަނާވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް އެ މީހުންގެ މައުލޫމާތު އާންމު ނުކުރީ އޭގެ ތެރޭގައި ގިނަ މީހުން ހިމެނޭތީ އާއި އަދި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.