ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ފެންމަތިވި ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކުގެ މައްސަލަ އާއި ގުޅިގެން ދައުވާ ކުރަން ފޮނުވީ 20 މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް 2010 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މީހުންގެ ބަރަހަނާ މަންޒަރާއި ފޮޓޯ އާއި ވީޑިއޯ ދައްކައި ބްލެކްމެއިލް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައާ ގުޅިގެން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އާންމު ކުރި ބަރަހަނާ ވީޑިއޯ ތަކުގެ ތެރޭ 60 އާއި 70 އާ ދެމެދުގެ އަދަދަކަށް މީހުންގެ ވީޑިއޯ ހިމެނޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ދައުވާ ކުރުމަށް ފޮނުވި 20 މީހުންގެ ތެރެއިން 10 މީހުންނަކީ އެކި ގިންތީގެ ބޭފުޅުންނާއި މީހުންގެ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ބުނެ، އެފަރާތްތައް ބްލެކް މެއިލް ކުރި 10 މީހުން ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަނެއް 10 މީހުންނަކީ ބަރަހަނާ މަންޒަރާއި ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފެންނަ 10 މީހުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.