ދެހާސް ދިހަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅެނިކޮށް ހިނގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރުވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލި ހަ މީހުންގެ މައްޗަށް އެކުށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރުމަށްޓަކައި ހަ މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި އިރު އޭގެ ތެރެއިން ތިން މީހަކު ހެކިބަސް ދޭން ބޭނުން ނުވާކަމަށް ބުނެ ހެކިބަސް ނުދިން ކަމަށެވެ. އަދި އަނެއް ތިން މީހުން ހެކިބަސް ދިން އިރު އެ ހަކުދިން ޓެރަރިޒަމްގެ އަމަލެއް ހިންގިތަން ނުދެކޭ ކަމަށް ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އަނިޔާ ލިބުނު މީހާގެ މެޑިކޯ ލީގޯ ރިޕޯޓު ދައުލަތުން ހުށަހެޅި އިރު އެއިން އަނިޔާ ލިބުނުކަން އެނގެން އޮތްނަމަވެސް އަނިޔާ ކުރީ ކޮންބައެއްކަން އެނގެން ނެތްކަމަށެވެ. އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އިރު އުމުރަކީ 16 އަހަރެވެ. އަދި އަނެއް ތިން ކުދިންގެ އުމުރަކީ 17 އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތު ނުވާކަމަށް މިއަދު ހުކުމް ކުރި މީހުންގެ ތެރޭގައި ގ. ވޭރު، އަބްދުލް މުހީތުގެ މަރާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ މީހަކު ވެސް ހިމެނެއެވެ. އަދި މިއަހަރު ތެރޭގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހަކު ވެސް ހިމެނެއެވެ.