25 Jul 2012, 16:03
ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ކަމަށް ކ. ކާށިދޫ ސުވާސާގޭ މުހަންމަދު ސަމާހު 22، ތަހުގީގުގައި އިއުތިރާފުވުމުން އެ މައްސަކަ ޕީޖީއަށް ފޮނުވައިފި އެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ ހަލީމް މަރާލި މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އަށް މިއަދު ފޮނުވާފައިވާ ކަމަށާއި ހަލީމަށް ސަމާހު ވަޅިން ހަމަލާދިނީ ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ސަމާހު ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"[ސަމާހު] އޭނަ ގޭބަންދުން ބޭރުގައި އުޅެނިކޮށް އެ އަމަލު އެގޮތަށް ނުކުރަން އަންގާ އެ އަމަލާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި [އާދަމް ހަލީމް] އޭނާއާއެކު ފުލުހުންގެ މަރުކަޒަށް [ކާށިދޫ ޕޮލިސް ސްޓޭޝަނަށް] ދިއުމަށް އެންގި އެންގުން އެއީ މިހާތަނަށް ބެލިބެލުމުން މިކަން ހިނގާފައިވާ ސަބަބަކީ،" ދާއޫދު ވިދާޅުވި އެވެ.
ދާއޫދު ވިދާޅުވީ ސަމާހު ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ބޭރުތެރޭ އުޅޭތަން ފެނުމުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓު ކޮށްފައިވާ ކަމަށާއި ހަލީމަށް ހަމަލަދީފައި ވަނީ ހަލީމް ދަންވަރު ޑިއުޓީއަށް ދިޔަ މަގުމަތީ ސަމާހުއާއެކު ސުވާސާގެއަށް ގޮސް އޭނާގާތު ޕޮލިހަށް ދާން ތައްޔާރުވެގެން އަންނާށޭ ބުނެ ގޭ ދޮރުމަތީ ހަލީމް ހުއްޓާ ކަމަށެވެ.
އަދި ހަލީމާ ދިމާއަށް ސަމާހު ހަޅޭލަވަމުންް ގޮސް ގޭގެ ބަދިގެތެރެއިން އަށް އިންޗީގެ ވަޅިއެއް ހިފައިގެން ނުކުމެ ހަލީމްގެ މޭމައްޗަށް ހަރާލީ ކަމަށެވެ.
ދާއޫދު ވިދާޅުވީ އެވަގުތު އޭގެގައި މީހުން އުޅޭ ކަމަށާއި ނަމަވެސް އޭރު އެމީހުން ތިބީ ގޭތެރޭ ކަމަށެވެ. އަދި ސަމާހު ހަލީމަށް ހަމަލަދިން ކަން އެގޭގެ މީހުންނަށް އެނގުނީ ހަޅޭލަވައިގަތް އަޑަށް ކަމަށާއި ހަލީމް ފޯނުކޮށްފައި ސުވާސާގެއަށް ސަމާހު ބަލައި އައުމަށް އެންގި ފުލުހުންގެ ޖިޕް އެގޭ ކައިރައަށް ދިޔައިރު ހަލީމް އޮތީ ބިންމަތީގައި ކަމަށެވެ.
ދާއޫދު ވިދާޅުވީ ފުލުހުންގެ ޖިޕަށް އަރުވައިގެން ހަލީމް ގެންދިޔައިރު އޭނާގެ މެޔަށް ވަޅިހެރިފައި ހުރި ފުންމިނުގެ ސަބަބުން ގިނަ އަދަދެއްގެ ލޭފައިބާފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުންދަނިކޮށް މަރުވެފައި ވަނީ އެރޭގެ 12:10 ހާއިރު ކަމަށެވެ.
މައްސަލަ އާއި ގުޅިގެން ސަމާހު ހައްޔަރު ކުރި އިރު ހުރީ މަސްތުވެގެން ކަމަށާއި އޭނާގެ ޔޫރިން ޓެސްޓު ކުރި އިރު ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ. އަދި ހަލީމަށް ހަމަލަ ދިނުމުގައި ސަމާހު ފިޔަވައި އިތުރު މީހަކު ބައިވެރިވިކަން އެނގިފައިނުވާ ކަމަށެވެ.
މާރާމާރީ ހިންގައިގެން ސަމާހު ހައްޔަރުކޮށްފައި ހުރުމަށްފަހު ތަހުގީގު ނިންމައި ފުލުހުންގެ ހައްޔަރުން އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.
"ސަމާހު ގޭބަންދުން ނުކުމެ އުޅެނިކޮށް ސަމާހު ފަހަތުން ސުވާސާގެއަށް ގޮސް ސަމާހު ގާތުގައި ތައްޔާރުވެގެން ކާށީދޫ ޕޮލިސް ސްޓޭޝާނަށް ދާން އަންނާށޭ ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް އާދަމް ހަލީމް އާއި މުހައްމަދު ސަމާހުއާ ދެމެދު ދެކެވިފައި އެއްނުވޭ،" ދާއޫދު ވިދާޅުވި އެވެ.
ދާއޫދު އަދި ވިދާޅުވީ އެކަމުގައި ސިޔާސީ އެއްވެސް ކަމެއް ހިމެނޭކަން ނުވަތަ ނޫން ކަން ވެސް އެނގިފައިނުވާ ކަމަށާއި ހައްޔަރު ކުރާ މީހާއަކީ ކޮން ސިޔާސީ ޕާޓީއެއްގެ މީހެއްތޯ ވެސް ނުބަލާ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގާފައިވަނީ ފުލުހުންނަށް ހަމަލަދިނުމަށް ގޮވުމާއި ތަފާތު އިންޒާރުތަކާއި ހަމަލަތައް ދިނުން އިތުރުވެފައިވާ ދުވަސްވަރެއްގައި ކަމަށް ވާތީ އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާ އެ މައްސަލަތައް ބަލާނެ ކަމަށެވެ.
ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ގައިގެ އެތަން މިތަނަށް ވަޅިހަރައި މަރާލި ލާންސް ކޯޕްރަލް އާދަމް ހަލީމަށް ޑަބަލް ޕްރޮމޯޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް ދިނުމަށްފަހު އޭނާގެ އާއިލާއަށް އިނާޔަތް ދިނުމަށް ވަނީ ނިންމާފަ އެވެ.