އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖީއެމްއާރުން ހަދަމުންގެންދާ ޓާމިނަލްގެ މަސައްކަތް، ވަގުތީގޮތުން ހުއްޓާލަން އަންގަން ސަރުކާރުން ނިންމައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގަ އެވެ.
މިމަސައްކަތް ވަގުތީގޮތުން ހުއްޓަވާލެއްވުމަށް ނިންމެވީ، ޖީއެމްއާރުން މިމަސައްކަތް ފަށާފައިވަނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތަކާއި، ޢިމާރާތް ކުރުމާ ގުޅޭގޮތުން ހޯދަންޖެހޭ ހުއްދަތައް ނުހޯދާ ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ނިންމުމާއި ގުޅިގެން ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓާ އަހުމަދު ޝަމްހީދު ވިދާޅުވީ އެ މަސައްކަތް ހުއްޓާލުމަށް އަންގާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ކެބިނެޓްގެ ނިންމުމާ އެކު އެ މަސައްކަތް ހުއްޓާލުމަށް ހައުސިން މިނިސްޓްރީންވެސް އެ ކުންފުންޏަށް ސިޓީ ފޮނުވާނެ ކަމަށެވެ.

"އެހެން އިދާރާތަކުންވެސް އެ ކުންފުންޏަށް ދެން އަންގަމުންދާނެ އެކަން ހުއްޓަން، މިހާރު މިއީ މުޅި ސަރުކާރުގެ ނިންމުމަކަށް ވެފައި މި އޮތީ، އަޅުގަނޑުމެން މީގެ ކުރިންވެސް މަސައްކަތް ކޮށްގެންވެސް އެބޭފުޅުން މަސައްކަތް ހުއްޓައެއްނުލި،" ޝަމްހީދު ވިދާޅުވި އެވެ.

މި ނިންމުން ނިންމެވުމަށް ވަޒީރުން ދެއްކެވި ވާހަކަފުޅުގައި، އެއާޕޯޓް ތަރައްޤީ ކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަންވާނީ، ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށާއި ތަރައްޤީގެ ޕްލޭން ތަންފީޒު ކުރެވެންވާނީ ވެސް ސިވިލޭވިއޭޝަން އޮތޯރިޓީން ހުއްދަ ނަގައިގެން ކަމަށެވެ.

ޖީއެމްއާރުން މީގެ ކުރިން ބުނެފައިވަނީ އެ ޓާމިނަލްގެ މަސައްކަތް ފެށީ ހުއްދަ ހޯދައިގެން ކަމަށެވެ. ޖީއެމްއާރުން އަޅާ ޓާމިނަލްގެ އަޅަނީ 55000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ. މިދިޔަ މަހު ފެށި އެ ޓާމިނަލް 2014 އަށް ނިންމާ އެތަނުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.