25 Jul 2012, 14:35
ކޯޓު އަމުރާއެކު ރޭ ހައްޔަރު އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރު މުހައްމަދު މާހިރު އީސާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އަނިޔާކުރަން ހިތްވަރުދީ، އެކަމަށް ގޮވާލި މައްސަލައިގައި ރޭ ހައްޔަރުކުރި މާހިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާގެ ތަހުގީގު ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން މިއަދު މެންދުރު 10 ދުވަހަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
ރޭ 8:25 ހާއިރު މާހިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން ކޭމްޕްޖަހާފައިވާ އުސްފަސްގަނޑުގައި މިމަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލާ ދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލައި ހިތްވަރު ދެއްވާފައި ވާތީ އެވެ.
ފުލުހުން އިއްޔެ ނޫސްވެރިންނަށް ދައްކާލި ވީޑިއޯގައި މާހިރު ވިދާޅުވަނީ "އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލަދީ ދީ ހެދުމަށް ގޮވާފަ އެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން އެންމެފަހު މީހާއާ ޖެހެންދެން ތަޅާ ބިމަށް ތިރިއަރުވާލަން ކަމަށްވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.
މާހިރު ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާ މިއަދު ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ މާހިރު ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާއި ގުޅިގެން ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް މާހިރު ކުރަމުންގެންދާ މަސައްކަތް ހުއްޓުވަން ފުލުހުން ރާވައިގެން ހިންގާފައިވާ ގާނޫނު އަސާސީ އާ ޚިލާފު ޢަމަލެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.