25 Jul 2012, 14:33
ފުލުހުންނަށް އަނިޔާ ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުމަކީ ސިޔާސީ ގޮތުން އެމަނިކުފާނު ގޮތް ހުސްވެފައިވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ކުރީގެ ރައީސުންނަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދަކޮށް ހިމާޔަތް އެރުވިފައިވާއިރުވެސް ގާނޫނުގެ ބާރު ކަނޑުވާލައި މުއައްސަސާތަކުގެ ވާޖިބަށް ހުރަސްއަޅައި ގައުމުގެ މަސްލަހަތު ގެއްލުވާލަން ކުރީގެ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ގައުމުގެ އިޖުތިމާއީ ހަމަޖެހުމަށް އިސްކަންދީ ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރަން ޖެހޭ ބަޔަކަށްވީނަމަވެސް ނަޝީދުގެ އަމަލުތަކާމެދު އެޕާޓީ އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ.
"ކުރީގެ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވަމުން ގެންދަވާ މިފަދަ ޓެރަރިސްޓް ހަރަކާތްތަކަކީ ތަހުޒީބު މުޖުތަމައެއްގައި އެއްވެސް މިންވަރަކަށް ޖާގަ ދެވިގެންވާނެ ކަމެއްނޫން. އަދި އެއީ މިޒަމާނުގެ ދައުލަތް ހިންގުމުގެ ފަލްސަފާއާ ވެސް މުޅިން ހިލާފު ތަރައްގީއާ ތަމައްދުން ހަވާސާގައި އުޅޭ ފަރާތްތަކުން ތަބައަވަމުން އަންނަ ނޭއްގާނީ ފިކުރުތަކެއް ކަމުގައި ދަންނަވަން،" އަދާލަތުގެ ބަޔާނުގައި ވެއެވެ.
ފެބުރުއަރީ 8 ވަނަ ދުވަހު ނަޝީދު އިސްކޮށް ހުންނަވައިގެން ރައްޔިތުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއްދީ ގައުމުގެ ހަލަބޮލިކޮށްލުމުގެ ސަބަބުން ގައުމު ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި ބައިނަލް އަގުވާމީ މުޖުތަމައާއި ސަރުކާރުން ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ހުތުރުކަން ބޮޑު އުދުވާން ތަކެއް ހިންގަން ގަސްދުކުރެއްވުމަކީ މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯއްދަވަން އެމަނިކުފާނު އެއްވެސް ވަރަކަށް ބޭނުންފުޅުވެ ވަޑައި ނުގަތުން ކަމަށް ވެސް ބުނެ އެވެ.
"ފަހަކަށް އައިސް ގައުމުގެ ކަރާމާތާއި އިސްތިގުލާލު ނަގަހައްޓައި އަމަން އަމާން ކަން ގާއިމުކުރުމުގެ ޒިންމާ މަތި ކުރެވިފައިވާ ފުލުހުންނާއި ސިފައިންނާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެފަރާތްތަކަށް ބޮޑެތި އަނިޔާތައްކޮށް އެންމެ ފަހުން އަނިޔާވެރިގޮތަކަށް ފުލުހަކު ޝަހީދު ކޮށްލާފައިވީ ހިނދު ސިޔާސީ ހަރަކާތްތަކުގެ ނަމުގައި އެފަދަ ލާއިންސާނީ ޖަރީމާތަކަށް ގޮވާލަމުންދާ އެންމެހައި ފަރާތްތަކުން ފުރިހަމަ ޒިންމަ ނަގަން ޖެހޭނެ،" ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ހިންގާ އަނިޔާވެރި އަމަލުތަކާމެދު ހުށިޔާރުވެ ތިބުމަށާއި އެފަދަ އަމަލުތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ހިތްވަރު ލިބޭ ފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ވެސް އަދާލަތުން ވަނީ ގޮވާލާފަ އެވެ.