ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާނޫނީ ފިޔަވަޅު ނާޅައި ދޫކޮށްލައިފިނަމަ އިއާދަ ނުކުރެވޭފަދަ ގެއްލުން ރާއްޖެއަށް ލިބޭނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.

ބަޔަކު ނެރެ، ފުލުހުންނަށް އަނިޔާކޮށް އެމީހުންގެ ގައިގައި ތަޅަން ފެންނަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކި ވާހަކަތަކާއި ގުޅިގެން އެމަނިކުފާނަށް ގާނޫނީ ގޮތުން ދެވެން އޮތް ހައްގު އަދަބު ދިނުމަށް ގޮވާލައި ގައުމީ ޕާޓީން ނޫސް ބަޔާނެއް ނެރުނު އިރު އޭގައި ބުނެފައި ވަނީ ނަޝީދު ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝަރީއަތުގެ ކުރިމަށްޗަށް ނަޝީދު ހާޒިރުކުރުވާ، ޤާނޫނުގައިވާ ޙައްޤު އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ގައުމީ ޕާޓީގެ މި ބަޔާނަކީ އެ ޕާޓީން ބަޔާނެއް ނުނެރެ ގިނަ ދުވަސްތަކެއް ވުމަށްފަހު ނެރުނު ބަޔާނެކެވެ.

ބަޔާން ބުނަނީ ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދު ކުރައްވާ މަސައްކަތަކީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުން ކަމަށާއި ކުށްކުރުމާއި މާރާމާރީ ހިންގުމަށް ހިތްވަރުދިނުމަށް ކަމަށެވެ. ނަޝީދާމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު ނާޅާ ދޫކޮށްލައިފި ނަމަ އެއިން އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ރާއްޖެއަށް ލިބޭނެ ކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް އެ ބަޔާން ބުނެ އެވެ.

"ކަމާބެހޭ ފަރާތްތަކުން މިއަދު ނަޝީދާއިމެދު ފިޔަވަޅު ނާޅައިފިނަމަ، ނުވަތަ ފިޔަވަޅު އެޅުމަށް ފަސްޖެހިއްޖެ ނަމަ، ޒަމާންތަކަށް ދެމިގެން ހިގައިދާނެ ފަދަ ފިތުނަވެރިކަން ރާއްޖޭގައި ޢާއްމުވެ، އަނބުރާ އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން މިގައުމަށް ލިބުމަކީ ނުވެނުދާނެކަމެކެވެ." ބަޔާނުގައި ބުނެ އެވެ.

ފުލުހުންނަށް އަނިޔާކޮށް މާރީމާރީ ހިންގަން ފާޅުގައި ގޮވާލައި ހިތްވަރު ދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫން ކަމަށާއި ހާއްސަކޮށް ޤައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފޫޅަކު މާރީމާރީ ހިންގައި ފުލުހުންނަށް ތަޅާ އަނިޔާކުރުމަށް ގޮވާލުމަކީ ދަށުދަރަޖައި ފިނޑި އަމަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އެކަކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ކަމށް ބުނެ، އިސްލާމްދީނުގައި މަތިވެރިކުރައްވާފައިވާ މާތްވެގެންވާ ރަމަޟާން މަހަށް އިޙްތިރާމް ކުރުމެއް ނެތި، މުޖުތަމަޢުގެ އަދަބު އަޚުލާޤު ނަގާލުމަށް ނަޝީދު ފާޅުގައި ހިންގާ ދަށުދަރަޖައިގެ ޢަމަލުތަކަކީ އިސްލާމްދީން ދެކެ ލޯބިވާ މީހަކު ހިންގާނެ ޙަރަކާތްތަކެއް ނޫނެވެ."

މީގެ އިތުރުން ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް މާރާމާރީއާއި ގޮންމުށުގެ ބާރު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ޤާނޫން އަސާސީއާއި ޤާނޫންތަކުން ހުޅުވައިދީފައިވާ ރިވެތި އުޞޫލުތަކާއި ފުރުސަތުތަކުގެ ބޭނުން ހިފުން އިސްކުރުމަށް އެ ބަޔާނުގައި ނަޝީދަށް ގޮވާލާފައިވެ އެވެ.