މިދިޔަ ސީޒަނަށް ވުރެ، މިފަހަރުގެ ސީޒަނަކީ އާސެނަލްއަށް ކާމިޔާބު ސީޒަނަކަށް ހެދޭތޯ ދުރާލާ މަސައްކަތް ކުރާނަން ކަމަށް އެކުލަބުގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

އިނގިރޭސި ބައެއް މީޑިއާ ތަކަށް ވެންގާ ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ، މިފަހަރުގެ ސީޒަނަށް އާސެނަލް ނުކުންނާނީ އިތުރު ހިތްވަރަކާއެކު، ކާމިޔާބު ސީޒަނަކަށް ހެދުމުގެ އުންމީދުގައި ކަމަށެވެ. އެގޮތުން މިހާރަށްވުރެ އިތުރަށް ކުލަބް ވަރުގަދަ ކުރުމުގެ ގޮތުން، ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައި ވާކަމަށް ވެސް ވެންގާ ބުނެފައިވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާސެނަލްއިން މިވަގުތަށް ހޯދަމުން އަންނަނީ މިޑްފީލްޑަރެކެވެ. އެހެން ނަމަވެސް ކޯޗް ވެންގާ ވަނީ އެކަން ދޮގުކޮށްފައެވެ.

ވެންގާ، ބުނެފައި ވަނީ ތަފާތު މީޑިއާ ތަކުން ތަފާތު ގޮތްގޮތަށް ވާހަކަތައް ފެތުރިކަމުގައި ވިޔަސް، އާސެނަލްގައި ރަނގަޅު ފެންވަރުގެ މިޑްފީލްޑަރުން ތިބި ކަމަށެވެ. އެހެން ކަމުން މިޑްފީލްޑަރަކު ހޯދުމުގެ މަސައްކަތް ނުކުރިނަމަވެސް، ރަނގަޅު މޮޅެތި ޒުވާން ކުޅުންތެރިންނަށް އާސެނަލްއިން އަބަދުވެސް ފުރުސަތު ދޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލްއިން ޝައިގުވެރިކަން ފާޅުކުރި މިޑްފީލްޑަރަކީ ރޭނެސްގެ ފްރާންސް މިޑްފީލްޑަރު ޔަން އެމްވިލާއެވެ. އެމްވިލާއަކީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.