25 Jul 2012, 13:47
ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމް އިއްޔެ ވިކްޓަރީ ކޮޅަށް ޖެހި ދެ ގޯލުން މޮޅުވެ، ނަލަހިޔާ ވެޓަރަންސް ކަޕުގެ ފެށުން އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ވެލެންސިއާ ރަނގަޅުކޮށްފި އެވެ.
ތޮއްޑު ފުރަތަމަ ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު ވިލްދާން ދިން ޕާހަކުންނެވެ. ފަހު ލަނޑު ޖެހީ ލިބުނު ހިލެ ޖެހުމަކުންނެވެ. މެޗުގައި ގޯލު ޖަހަން ލިބުނު އެންމެ ހުސް ފުރުސަތު ނަގާލީ ވެލެންސިއާގެ ކެޕްޓަން އަލީ ރަޝީދު (ސިލާޗީ) އެވެ، މުޅިން ހުސްކޮށް ހުރެ އޭނާ ޖެހި ބޯޅަ ވިކްޓަރީގެ ކީޕަރު ހަސަން ރަޝީދު (ހަސަނާ) ވަނީ ދިފާއުކޮށްފަ އެވެ.
35 އަހަރުން މަތީގެ ކުރީގެ ކުޅުންތެރިން ކުޅޭ މުބާރާތުގައި މިފަހަތު ހަތް ޓީމު ވާދަ ކުރެ އެވެ. އެއީ ވެލެންސިއާ އާއި ނިއު އަދި ވިކްޓަރީ އާއި އީގަލްސްގެ އިތުރުން މާޒިޔާ އާއި އޭވައިއެލް އަދި ސިފައިންނެވެ. މުބާރާތުގެ ސެމީ އަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. މިހާތަނަށް ކުޅުން ނުފެނިވާ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. އެ ޓީމުގައި ޝާހު އިސްމާއީލާއި އިސްމާއީލް މަހުފޫޒް (އިންމަ) އަދި އަބުދުﷲ އާމިރު ކުޅެ އެވެ.