ދ. ކުޑަހުވަދޫ، ސަމަންދަރުގޭ، އަލީ ހަސަން (އައްޔުބޭ) ގެ މެޔަށް ދަގަނޑު ޖަހައި ކަރުބުރިކޮށް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ތިން ކުދިންގެ ތެރެއިން ދައުވާއަށް އިންކާރުކޮށްފައިވާ ކުއްޖާގެ މައްޗަށް ހެކި ހުށަހެޅުމަށް ދިން ފުރުސަތު ޖުވެނައިލް ކޯޓުން އިތުރުކޮށްދީފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އެ ކުއްޖާގެ މައްޗަށް ހެކި ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ދައުލަތަށް ދީފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ހެކި ހުށަހަޅާފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅަނީ ޑީއެންއޭ ހެކި ކަމަށްވާތީ ޑީއެންއޭ ހެދުމަށްޓަކައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޑީއެންއޭ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު އެ ރިޕޯޓު އަދި ލިބިފައިނުވާތީ މިއަދު ހެކި ހުށަހެޅެން ނެތްކަމަށް ދައުލަތުގެ ވަކީލު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި ކަމަށެވެ.

އަދި ވިދާޅުވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ހެކި ހުށަހެޅޭތޯ މަސައްކަތް ކުރާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށާއި އަދި އެދުވަހު ހެކި ހުށަނޭޅިއްޖެ ނަމަ އެ ކުއްޖާގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެ ކުދިންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ކުދިން ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ދެކުދިންގެ މައްސަލައިގައި ދެން އޮންނާނީ ޚުލާސާ ބާޔާން ނެގުން ކަމަށެވެ.

އައްޔުބޭގެ މަރާއިގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ ހުށަހަޅާފައެވެ.

އެ ތިން މީހުންނަކީ ކުޑަހުވަދޫ، ފަނަސް، ފައުޒާން މުހައްމަދު އާއި އެރަށު ރަނަކުރި އިބްރާހިމް މާޖިދާއި އައްޔުބެއަށް ދޮންކާފަ ކިޔާ އެރަށު، މާވެލި، އިބްރާހިމް ވަސީމްގެ މައްޗަށެވެ. ފައުޒާނާއި މާޖިދުގެ ޝަރީއަތް އަދި ފަށާފައި ނުވި ނަމަވެސް އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމުގެ މައްޗަށް ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ.