ތިލަފުށީގައި އުޅޭ ބިދޭސީންގެ ތެރެއިން 60 ޕަސެންޓް މީހުންނަށް ވުރެ ގިނަ މީހުން އުޅެނީ ގަވާއިދާއި ހިލާފަށް ކަމަށާއި ފިލައިގެން އުޅޭ ބިދޭސީންގެ ހަބަކަށް ތިލަފުށި ވެފައިވާ ކަމަށް އިމިގުރޭޝަނުން މިއަދު ބުނެފި އެވެ.

ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހު ﷲ ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ބިދޭސީންގެ ތެރެއިން ގަވާއިދާއި ހިލާފަށް ފިލައިގެން އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ތިލަފުށީގައި އުޅެމުން އަންނަ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން އެ ރަށުގައި ހުރި ކުންފުނިތަކުގެ ސައިޓްތަކުގައި މަސައްކަތް ކުރަމުންދާއިރު އަނެއް ބަޔަކު އަމިއްލައަށް ގުރޫޕް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އާދައިގެ ހެދުމުގައި ވެސް ގޮސް އެރަށް އިންސްޕެކްޓް ކޮށްފިން ދެތިން ފަހަރަކު، އެތަނުގައި އެއްބަޔަކު ހަމަ މިއުޅެނީ މިކޮޅުން ފިލައިގެން ގޮސް އެކޮޅުގައި ހުންނަ ކުންފުނިތަކުގައި މަސައްކަތް މި ކުރަނީ، އަނެއް ބަޔަކު މި ހަދާ ގޮތަކީ އެކޮޅަށް ގޮސްފައި ގުރޫޕް ހަދައިގެން ވަޑާންކޮށް ރާނާ ސިމެންތި ޖަހާ މިކަހަލަ ކަންކަން ކޮށްގެން ވަޒަންވެރިވެގެން މިއުޅެނީ، ގާތްގަނޑަކަށް 60 ޕަސެންޓަށް ވުރެ ގިނަ މީހުން މިކަހަލަ ގޮތަކަށް މިއުޅެނީ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލްއާ) މަޝްވަރާކޮށްގެން އެރަށުގައި މަސައްކަތް ކުރާ ބިދޭސީން އިމިގްރޭޝަންގެ ގާނޫނާ އެއްގޮތައް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 30 ގެ ހުރިން އެ ހުރިހާ ބިދޭސީން އެމީހަކު މަސައްކަތް ކުރާ ކުންފުންޏެއްގައި ރަޖިސްޓްރީ ނުކޮށްފިނަމަ ނޫނީ މަސައްކަތް ކުރާނެ އެހެން ކުންފުންޏެއް ނުހޯދައިފިނަމަ އެމީހުން އަނބުރާ ގައުމަށް ފޮނުވާލަން ނޯޓިސް ދީފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފިޔަވަޅު ނާޅައިފިނަމަ އެ މައްސަލަ ވަރަށް ސީރިއަސް ވެދާނެ ކަމަށެވެ.

"އެމީހުން އެތަނުގައި އުޅެމުން އެދަނީ ބައެއް މީހުން ވަޒަންވެރިވެގެން، އެހެން އުޅޭއިރު އާމްދަނީ ހޯދަން އެބަ ކުރޭ އިސްލާމް ދީނާ ހިލާފުކަންކަން، ބަނގުރާ އުފެއްދުން، ހަށިވިއްކުން މިހެން ގޮސްއެތައް ކަމެއް. ގަވާއިދުގެ ތެރެއަށް އެއްވެސް ބިދޭސީއަކު ނައިސްފިނަމަ އެމީހުން ފޮނުވާލަން ޖެހޭނީ، އަޅުގަނޑުމެންނަށް ފޮނުވާލަން އެއީ މާބޮޑު ކަމެއް ނޫން،" ހާމިދު ވިދާޅުވި އެވެ.

ގަވާއިދާއި ހިލާފަށް ބިދޭސީން ގެންގުޅެމުންދާ ފަރާތްތައް ހޯދައި އެމީހުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ހާމިދު ވިދާޅުވި އެވެ. އަދި އެކަމުގައި އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ލައްކައަކަށް އަރާއިރު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 35000 ގާތްކުރެ އެވެ. އިމިގުރޭޝަނުން ލަފާކޮށްފައި ވަނީ އަހަރެއްގެ ތެރޭގައި އެ އަދަދު 20 ޕަސެންޓަށް އިތުރުވެ 2018 ވަނަ އަހަރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ދިވެހިންގެ އާބާދީއާ އެއްވަރުވާނެ ކަމަށެވެ.