25 Jul 2012, 13:29
ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލަން އެހީވުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި އައިލޭންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އައިލޭންޑް އެވިއޭޝަންގެ މައި އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރީ ކޮންޓްރޯލާ ޑރ. މުޙައްމަދު އަލީ އެވެ. އަދި އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓަ އަބުދުލް ޙާރިސް އެވެ.
އިމިގްރޭޝަނުން ބުނީ އެއްބަސްވުމުގެ ދަށުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށާއި އިމިގްރޭޝަނުން އަންގާ ގޮތެއްގެ މަތިން އެފަދަ ބިދޭސީން ފޮނުވާލުމުގެ އިންތިޒާމު އައިލެންޑް އޭވިއޭޝަނުން ހަމަޖައްސާނެ ކަމަށެވެ. ކުރިމަގުގައި މަސައްކަތް މިހާރަށްވުރެ ވެސް ތަރައްގީވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުންދާއިރު ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތް 2018 ވަނަ އަހަރު ދިވެހިންގެ އާބާދީއާއި އެއްވަރު ވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ލަފާކޮށްފަ އެވެ.