ރީތިރަށް ރިސޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ދެ އެކައުންޓުން އެ ރިސޯޓަށް ނޭނގި ޖުމްލަ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބީއެމްއެލް އިން އުނިކޮށްފައިވާ ކަމަށް ބުނެ އެ ރިސޯޓުން ބީއެމްއެލްގެ މައްޗަށް ދައުވާ ކުރި މައްސަލައިގައި ބޭންކާއި އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނަނީ އެ ދެ އެކައުންޓުން އުނިކޮށްފައިވާ ފައިސާ އަނބުރާ ޖަމާކުރުމަށް ބީއެމްއެލްގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ ދައުވާގައި ބުނެފައިވާ ފައިސާތައް އެ ރިސޯޓަށް ނާންގައި އުނިކުރުމަކީ ސަލްޓަންސް އޮފް ދަ ސީސް އިން ބީއެމްއެލްއަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީސްތަކަށް ޔަގީންކަން ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގަ އާއި ރީތިރަށް ރިސޯޓުގެ ހުރިހާ މުދަލަކާއި ގުޅޭގޮތުން ބީއެމްއެލްއާއި އެކު އެކުންފުނިން ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބޭންކަށް ދީފައިވާ ހައްގެއް ކަމަށެވެ.