ޝްރީ ޕްރަނަބް މުކަރްޖީ އިންޑިޔާގެ ރައީސްކަމުގެ ހުވައި ކުރައްވައި، މަގާމާ ހަވާލުވެ ވަޑައިގަތީ މިއަދު އިންޑިޔާގެ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅު މަތީގައި، ރާއްޖޭ ގަޑިން ހެނދުނު 11:00 ގައެވެ.

ޕްރަނަބް މުކަރްޖީ އަކީ އިންޑިޔާގެ ސިޔާސީ މައިދާނުގައި ވަރަށް ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ އަކީ އިންޑިޔާގެ ރައީސްކަމުގެ މަގާމަށް ބަންގާޅު ނަސްލުން ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ ވެސްމެއެވެ.

އިންޑިޔާގެ ވެސްޓް ބެންގާލް ސްޓޭޓުގެ ބީރްބޫހމް ޖޭލާގައި 11 ޑިސެންބަރު 1935 ގައި އުފަންވެ ވަޑައިގަތް ޕްރަނަބް މުކަރްޖީ ވަނީ 1973 ވަނަ އަހަރުން ފެށިގެން ވަޒީރުންގެ މަޖިލީހުގެ ވަރަށް ގިނަ މަގާމުތަކާއި ކޮންގްރެސް ޕާޓީ އިސް މަގާމުތަކުގެ އިތުރުން ބައިނަލް އަގްވާމީ މުއައްސަސާތަކުގައި ވެސް ތަފާތު މަގާމުތައް ފުރުއްވައިފައެވެ.

މި ގޮތުން 1973 އިން 74 އަށް ސިނާއީ ތަރައްގީއާ ބެހޭ ވަޒީރުކަން، 1974 ވަނަ އަހަރު ދަތުރުފަތުރާއި އޮޑިދޯނިފަހަރާ ބެހޭ ވަޒީރުކަން، 1974 އިން 75 އަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން، 1975 އިން 77 އަށް ރެވެނިޔު އާއި ބޭންކިންއާ ބެހޭ ވަޒީރުކަން، 1978 އިން 79 އަށް ކޮންގްރެސް ޕާޓީގެ ހަޒާންދާރުކަން، 1978 އިން 79 އަށް އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ހަޒާންދާރުކަން، 1980 އިން 85 އަށް ރާޖްޔާ ސަބާގެ ޒައީމުކަން، 1980 އިން 82 އަށް ވިޔަފާރި އާއި ސްޓީލާއި މައިންއާ ބެހޭ ވަޒީރުކަން، 1982 ވަނަ އަހަރުން 84 ވަނަ އަހަރަށް މާލީ ވަޒީރުކަން، 1982 އިން 85 އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ބޯޑުގެ ގަވަރުނަރުކަން، 1982 އިން 85 އަށް ވޯލްޑް ބޭންކުގެ ބޯޑުގެ ގަވަރުނަރުކަން، 1982 އިން 84 އަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑުގެ ގަވަރުނަރުކަން، 1982 އިން 85 އަށް އެފްރިކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑުގެ ގަވަރުނަރުކަން، 1984 ވަނަ އަހަރު ވިޔަފާރި އާއި ސަޕްލައިއާ ބެހޭ ވަޒީރުކަން، 1984، 1991، 1996، އަދި 1998 ގައި ބަރުލަމާނީ އިންތިހާބުތަކުގައި ކޮންގްރެސް ޕާޓީގެ ކެންޕެއިން ކޮމިޓީގެ ޗެއަރމަންކަން، 1984 ގައި އަދި 2009 އިން 12 އަށް ގްރޫޕް އޮފް 24 ގެ ޗެއަރމަންކަން، 1985 ގައި އަދި 2000 އިން 10 އަށް ކޮންގްރެސް ޕާޓީގެ ވެސްޓް ބެންގާލް ސްޓޭޓް ދާއިރާގެ ރައީސްކަން، 1987 އިން 89 އަށް އޭއައިސީސީގެ އިކޮނޮމިކް އެޑްވައިޒަރީ ސެލްގެ ޗެއަރމަންކަން، 1991 އިން 96 އަށް ޕްލޭނިންގ ކޮމިޝަނުގެ ޑެޕިއުޓީ ޗެއަރޕަރސަންކަން، 1993 އިން 95 އަށް ވިޔަފާރިއާ ބެހޭ ވަޒީރުކަން، 1995 އިން 96 އަށް ހާރިޖީ ވަޒީރުކަން، 1995 ގެ ކޮންފަރެންސުގައި ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ ރައީސްކަން، 1998 އިން 99 އަށް އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީކަން، 1999 އިން 2012 އަށް ސެންޓްރަލް އިލެކްޝަން ކޯޑިނޭޝަން ކޮމިޓީގެ ޗެއަރމަންކަން، 2004 އިން 06 އަށް ދިފާއީ ވަޒީރުކަން، 2004 އިން 12 އަށް ލޮކް ސަބާގެ ޒައީމުކަން، 2006 އިން 09 އަށް އަނެއްކާ ވެސް ހާރިޖީ ވަޒީރުކަން، އަދި 2009 އިން 12 އަށް އަނެއްކާ ވެސް މާލީ ވަޒީރުކަން ވަނީ ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި ޕްރަނަބް މުކަރްޖީ މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މާލީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ބޮޑުވަޒީރު މަންމޯހަން ސިންހެވެ.

ރައީސްކަމުގެ އިންތިހާބަށްޓަކައި 22 ޖުލައި 2012 ގައި ޕާޓީން ވަކިވެ ވަޑައިގަތުމާ ހަމަޔަށް ޕްރަނަބް މުކަރްޖީ ހުންނެވީ ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބުގައި ޕްރަނަބް މުކަރްޖީއަށް 713763 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަތް އިރު، އޭނާއާ ވާދަ ކުރެއްވި ޕީ.އޭ ސަންގަމާއަށް ލިބިވަޑައިގަތީ 315987 އިލެކްޓޯރަލް ވޯޓެވެ.

ރިޔާސީ އިންތިހާބަށް ޕްރަނަބް މުކަރްޖީގެ ނަންފުޅު ހުށަހެޅީ ވެރިކަންކުރާ "ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް" އިއްތިހާދުންނެވެ. މި އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. ޕީ.އޭ ސަންގަމާގެ ނަންފުޅު ހުށަހެޅީ އިދިކޮޅު "ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް" އިއްތިހާދުންނެވެ. މި އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަކީ ބީ.ޖޭ.ޕީއެވެ.