12:17


ކުރުނބާ މޯލްޑިވްސްގައި ޖެހުނު ފަދަ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓްވާ އޮޕަރޭޓާސް [މަޓާޓޯ] އިން ގޮވާލައިފި އެވެ.


އެ ޖަމިއްޔާ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރުނބާ މޯލްޑިވްސްގެ މެނޭޖުމަންޓާއި އެ ރިސޯޓްގެ މުވައްޒަފުންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ރިސޯޓުން ޓޫރިސްޓުން ފައިބައި، ރިސޯޓް ބަންދު ކުރަން  ޖެހުމަކީ، ހާއްސަކޮށް ޓޫރިޒަމް މިހާ ދަށް ދުވަސްވަރެއްގައި، އެ ޖަމިއްޔާ އިން ދެކެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.


މަޓާޓޯގެ ބަޔާނުގައި ބުނެފައި ވަނީ ޓޫރިޒަމަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއީ މަސައްކަތް ކަމަށާއި އެ ސިނާޔަތު ދެމެހެއްޓުމަކީ ފަރުދުންގެ ފެންވަރުގައި ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.


"މި ސިނާޔަތުގައި އުފެދޭ ހިލާފުތައް ވާހަކަ ދައްކައި މަޝްވަރާކޮށްގެން އަދި ބޭރުން ރާއްޖެ އަންނަ މެހުމާނުންނަށް ނޭނގޭ ގޮތަށް، އެ ފަރާތްތަކަށް ދަތިނުވާ ގޮތަށް ހައްލުކުރުމަކީ...ކުރަން ޖެހޭނެ ކަމެކެވެ." މަޓާޓޯގެ ބަޔާނުގައިވެ އެވެ.


ކުރުނބާ ބަންދުކުރަން ޖެހުމުން، އެ ޖަމިއްޔާގެ މެންބަރު، ޓްރެވަލް އޭޖަންޓުން، އެ ރިސޯޓަށް ފޮނުވާފައިވާ ޓޫރިސްޓުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނުކަމީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


"އަދި ބޭރުގެ ޓްވާ އޮޕަރޭޓަރުންގެ ފަރާތުން ތަފާތު ޝަކުވާތައް އައުމާއި ބްކިން ކެންސަލްވުމާއި ކޮންޕަންސޭޝަން ދޭން ޖެހުމުން ވިޔަފާރީގެ މި ދަތި ދަނޑިވަޅުގައި ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހުނު ކަން ވެސް ފާހަގަކުރަމެވެ." މަޓާޓޯގެ ބަޔާނުގައިވެ އެވެ.


އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިޒާތުގެ ކަންކަން ތަކުރާރުވާ ނަމަ ރާއްޖޭގެ މަގުބޫލުކަން ގެއްލި އިންޑޮނޭޝިޔާގެ ބާލީގައި ބޮމުގެ ހަމަލާ އަކަށް ފަހު، ދިމާވި ގޮތަށް ރާއްޖޭގެ މަގުބޫލުކަން ވެސް ގެއްލިދާނެތީ ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.


މަޓޯޓާ އިން ބުނެފައި ވަނީ ކުރުނބާގައި ހިނގައި ދިޔަ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން މަސައްކަތް ކޮށްފައި ވަނީ މައްސަލަ ހޫނުކުރުމަށް ކަމަށެވެ.


"އަދި އެ ޖަމިއް    ޔާގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ބޭފުޅަކަށްވާތީ ރައްޔިތުންގެ މަޖިލީސް ނޫނީ ޓީމްގެ ރައީސް ކަންކުރެ ކޮންމެ ވެސް އެއްކަމެއް އިހުތިޔާރު ކުރުމަކީ މުސްތަގުބަލުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި މި ޖަމިއްޔާ އިން ދެކެމެވެ." މަޓޯޓާގެ ބަޔާނުގައިވެ އެވެ.  


ޓީމްގެ އެއްވެސް ބޭފުޅަކާ ވަނީ ގުޅޭގޮތް ނުވެފަ އެވެ.