25 Jul 2012, 12:42
މިސްކިތްތައް ބެލެހެއްޓުމާއި ގަބުރުސްތާނާއި ކަށުކަމާކެމީގެ ކަންކަން ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް އޮތްއޮތުން އުނިކުރަން ލާމަރުކާޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އިސްލާހެއް ހުށައަޅައިފި އެވެ.
އެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ ދެވަނަ އިސްލާހުގައި ބުނެފައިވަނީ ސިޓީ ކައުންސިލް މިހާރު އުފެދިފައިވާ ގޮތުގެ އިންތިހާބީ ދާއިރާތަކުން ކޮންމެ ދާއިރާއަކުން މެންބަރުން ތަމްސީލް ކުރުމުގެ ބަދަލުގައި ސިޓީ ކައުން ސިލަށް މެންބަރުން ނަގާނީ ކޮންމެ އަވަށަކުން މެނަބަރަކު ކަމަށެވެ.
އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށައަޅުއްވަމުން ރިޔާޒު ވިދާޅުވީ އެގާނޫނަށް އިސްލާހެއް ހުށައަޅަން ޖެހުނީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފާހަގެ ކުރެވޭތީ ކަމަށާއި މިހާރު އުފެދިފައިވާ ކައުން ސިލްތައް އެކިޕާޓީތަކަށް ނިސްބަތްވާ ގޮތަށް އުފެދިފައިވާތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދަތިތަކެއް ދިމާވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.
މިބިލަށް ވާހަކަދެއްކެވި ބައެއް މެންބަރުން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަކީ ރާއްޖެއާ ގުޅޭ ގޮތަށް ބައްޓަން ކުރެވޭ ގާނޫނަކަށް ހަދަން ޖެހޭ ކަމަށެވެ
ދުވާފަރު ދާއިރާގެ މެންބަރު ޒުބެއިރު މުހައްމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު މިހާރު ބައްޓަން ވެފައިވަނީ ރާއްޖެ ކަހަލަ މީސްކޮޅުމަދު ވަސީލަތްތައް މަދު ގައުމަކަށް އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށާއި ގާނޫނު އޮތީ ސަރަހައްދު ބޮޑު ވަސީލަތްތަށް ގިނަ ގައުމަކަށް އެކަށޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން އެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ތާއިދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތަށް ހިންގުމުގެ ގާނޫނުނުގެ 42 ވަނަ މާއްދާގެ ތ އާއި ލ އަދި ޏ އުނިކުރުމުން ލިބޭނީ ހަމަޖެހުމެއް ކަމަށް ގަބޫލުކުރަން. އެ ގާނުނޫގެ 43 ވަނަ މާއްދާއަށް ހުށައެޅިފައިވާ އިސްލާހަށް ވެސް އަޅުގަނޑު ތާއީދު ކުރަން ހަމައެހެންމެ ހުރިހާ ދިމާއަކުން ވެސް އަދަދު މަދުކޮށް ހިންގުމުގެ ހަރަދު ކުޑަވާނެ ގޮތެއް ހަމަޖެހިގެން އައުމަކީ އަޅުގަނޑު ނިހާޔަތަށް އެދޭ އަދި ތާއީދު ކުރާކަމެއް ކަމަށްވެސް ދަންނަވަން. ނަމަވެސް އަލަށް ހުށައަޅާ އިސްލާހުތަކަށް އަމަލުކުރަން ފެންނަނީ ދެން އަންނަ ކައުންސިލްގެ އިންތިހާބަށް ފަހުގައި ކަމަށްވެސް ދަންނަވަން،" ޒުބެއިރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރުދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި އެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބޭނުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ކަންކަން ވަކި ބައެއްގެ ބާރު ދަށަށް ގެންދިއުން ކަމަށެވެ.
"ލާމަރުކަޒީ ގާނޫނަކީ ރައްޔިތުންގެ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ފާސްކޮށްފައިވާ ގާނޫނެއް. އެހެންނަމަވެސް މިއަދު އެހުރިހާ ބާރުތަކެއް ނަގައި މާދަމާ އެޓޯލްސް މިނިސްޓްރީ ހެދީމާ ރައްޔިތުންނެއް މިއެއް ގަބޫލެއް ނުކުރާނެ. ތަރައްގީއަކީ ރައްޔިތުންގެ ހިދުމަތްތަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ކުރަން ޖެހޭނެ ކަމެއް،"
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ތަފާތު އިސްލާހުތައް ހުށަހެޅެނީ އެ ގާނޫނު ފުރިހަމަ ނުވާތީ އާއި އެ ގާނޫނު އިސްލާހުކުރުމުގެ ރޫހެއް މަޖިލިހުގެ ތަޅަމުގައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންވެސް އެގޮތަށް އެދޭތީ ކަމަށެވެ.
މައުސޫމު ވިދާޅުވީ މިސްކިތްތަކާ ބެހޭ ބައި ކައުންސިލްތަކުން ބަލަހައްޓަން އޮތްއޮތުން އުނިކުރުމަށް ހުށައަޅާފައިވާ އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެ އިސްލާހައި ގުޅޭ ގޮތުން ދެވަނަ ވިސްނުމަކަށް ދާން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ސިޓީ ކައުން ސިލާއިގުޅޭ ގޮތުން ހުށައަޅާފައިވާ އިސްލާހުގައި ހުރި ކަންކަމާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދެކެވި އެކަމަށް އެއްބަސްވުމަކާއި ހަމައަކަށް އާދެވިދާނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވިި އެވެ.