އިލެކްޝަންސް ކޮމިޝަނުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާނުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ ހަގީގަތެއްނޫން ކަމަށް ބުނެ އެވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ރައްދު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ގަވާދާއި ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެ ކޮމިޝަނަށް ލިބިފައިވާ ބާރުތަކާއެކު ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް އެޅެން ހުރި ފިޔަވަޅުތައް ހުންނާނީ ތަފާތު އެކި ފަހަރުގެ މަތީން އެކި މުނާސަބާތަކުގައި އެކި ޕާޓީތަކަށް އަޅާފައި. އަޅުގަނޑުމެނަށް ގާނޫނާއި ގަވާއިދު ހުއްދަދޭ މިންވަރަކުން ފިޔަވަޅުތައް އަޅަމުން މި ގެންދަނީ. އަޅުގަނޑުމެނަށް ލިބިފައިވާ ބާރުތަކުގައި އެއްވެސް ޕާޓީއަކާބެހޭ ގޮތުން ފިޔަވަޅު ނާޅާ ދޫކޮށްލާފައެއް ނުވާނެ،" ފުވާދު ވިދާޅުވި އެވެ.
~
ޖިނާއީ ކުށްތަކަށް ގޮވާލާ ބައެއް ޕާޓީތަކުގެ މެންބަރުން ދައްކާ ވާހަކަތަކަށް ފިޔަވަޅު ނާޅާކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭ ގޮތުން ފުވާދު ވިދާޅުވީ ފިޔަވަޅެއް ނާޅާކަމަށް ދެކެވޭ ގިނަ ވާހަކަތަކަކީ އިކެލްޝަނަށް އެއްވެސް ފަރާތުން ހުށަހަޅާފައިނުވާ މައްސަލަތައް ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޝަނަށް މައްސަލައެއް ތަހްގީގު ކޮށްދިނުމަށް އެދި ފުލުހުނަށް ފޮނުވޭނީ ހެއްކާއިއެކު އިލެކްޝަނަށް މައްސަލައެއް ހުށަހެޅުމުން ކަމަށާއި ފޯނު ކޮށްލާފައިވާ ބުނާ ވާހަކަތަކަކީ ހެއްކެއްނެތި އިލެކްޝަނަށް ބެލެވޭނެ މައްސަލަތައް ނޫން ކަމަށެވެ.

"އަޅުގަނޑުމެނަށް މައްސަލައެއް ހުށަހަޅުއްވާއިރު ހެކި އަޅުގަނޑުމެނަށް އެބަ ބޭނުންވޭ. އެވެނި މީހަކު މިވެނި އެއްޗެއް ކިޔައިފިޔޭ މިކަންތައްކާއި ފިޔަވަޅު އަޅުއްވާށޭ ބުންޏަކަސް އަޅުގަނޑުމެނަކަށް ނޭނގޭނެ. އެވާހަކަތައް ބުނިކަން އެނގޭނެ އެހެން މީހުން ބޭނުންވާނެ. އަދި ވީޑިއޯ ރިކޯޑިންއެއް އޮވެއްޖެއްޔާ ވީޑިޔޯ ރިކޯޑިން ބޭނުންވޭ. ހެއްކާ އެއްކޮން ހުށަހަޅުއްވައިފިއްޔާ އަޅުގަނޑުމެން ހުންނާނީ ފުލުހުނަށް ފޮނުވާފައި،" އެނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި ހުރަސް ތަކެއް ހުރިކަން ފާހަގަ ކުރައްވާ ފުވާދު ވިދާޅުވީ އެ ކޮމިޝަނުން މިހާރު އަމަލުކުރަމުންދަނީ 2005 ވަނަ އަހަރުންސުރެ އެކުލަވާލާފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ކަމަށާއި އެ ގަވާއިދުތަކުގެ ބައެއް ނުކުތަތަކަކީ 2008 ވަނަ އަހަރު އެކުލަވާލާފައިވާ އާ ގާނޫނު އަސާސީއަށް ނުފެތޭ ނުކުތާތަކެއް ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް ގެންނަން ބޭނުންވާ އިސްލާހްތަކުގެ ޑްރާފްޓެއް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާއިރު އެ ގާނޫނުތައް ނުހެދި ލަސްވަމުންދިއުމަކީ ވެސް އެކޮމިޝަނުގެ މަސައްކަތްތަކަށް އެޅިފައިވާ ހުރަސް ތަކެއް ކަމަށް އެނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނެއް ނުހެދި ލަސްވަމުންދާ ނަމަ އިލެކްޝަނުން މިހާރު އަމަލުކުރާ ސިޔާސީ ޕާޓީތަކުގެ ގަވާދަށް އިސްލާހްތަކެއް މިހާރު މިހާރަށްވެސް ގެނަން ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މިހާރު ސަރުކާރުގެ ބަންޑާރަ ނައިބުގެ އަރިހުގައި ކޮމިޝަނުން ދަންނަވާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރަމުން ނުދާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރުން ރައްޔިތުން މަޖިލީހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެފައިވާތީ އެ ވާހަކަތަކަށް އިޝަރާކުރައްވާ ފުވާދު ވިދާޅުވީ އޭގެ ސަބަބުން އިލެކްޝަން ކޮމިޝަނަށް ހުރި ގޮންޖެހުމުގެ ވާހަކަތައް ދެއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އާޒިމާ ރައްޔިތުން މަޖިލީހަށް ވެސް ހުށަހަޅުއްވަންވީ. އަޅުގަނޑުމެނަށް މާ ބޮޑު މައްސަލައެއް އޮތް ކަމެއް ނޫން އެއީ. އާޒިމާވެސް އެ މައްސަލަ ހުށަހަޅުއްވަންވީ. އޭރުން އަޅުގަނޑުމެނަށްވެސް ފުރުސަތު ލިބޭނެ އަނެއްކާވެސް މިކަންތައްތައް އޮތް ގޮތުގެ ވާހަކަ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަށް ވަރަށް ސާފްކޮށް ދަންނަވާ ދިނުމަށް،"

ސިޔާސީ ބައެއް ޕާޓީތަކުން ހިންގާ ހަރަކާތްތަކާއިމެދު ފިޔަވަޅެއް ނާޅާ އޮންނަ ކަމަށްބުނެ އިލްކްޝަންސް ކޮމިޝަނަށް ބައެއް ފަރާތްތަކުން ގެންދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ.