ސައިކަލެއްގެ މަޑިދަށުގައި މީހަކު ރައްކާކޮށްފައިހުރި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ދެބެންނާއި އިތުރު މީހާގެ މައްޗަށް ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ މ. ގުލްސަންޕާގޭ، އަހުމަދު އަރީޝް 26، އާއި ގދ. ރަތަފަންދޫ، އައްސޭރިވިލާ، ވާފިރު މުހައްމަދު 25، އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާފިރު މުޙައްމަދު 22، ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިއަހަރުގެ މެއި 27 ވަނަ ދުވަހު 1:18 އެހާކަންހާއިރު މ. ޗަންޕާހެވަން ކުރިމަތީ ހުންނަ ޕާކިން ޒޯންގައި ޕާކްކޮށްފައި ހުރި ސައިކަލަކުން އެ ތިން މީހުން ވެގެން 200،460ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުރާ ދައުވާ އަކީ ޖަމާއަތް ހަދައިގެން 10،000 އަށް ވުރެ ގިނަ ރުފިޔާއިން ވައްކަން ކުރުމުގެ ދައުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އިއްވުމުން މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ކޮންގޮތަކަށްތޯ ގާޒީ އެއްސެވުމުން އެ ތިން މީހުން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލުންނާއެކު ކަމަށެވެ.

ގާޒީ ވިދާޅުވީ ޝަރީއަތް ދެން އޮންނަ ދުވަހަކު ދައުވާއަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި އެއަށްފަހު ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުމަށް ފަހު ހުކުމް އިއްވާނެ ކަމަށެވެ.

ފުލުހުންގެ ތަފާސް ހިސާބު ދައްކާގޮތުން ރޯދަމަސް ފެށިގެން 24 ގަޑިއިރު ތެރޭގައި ވައްކަމާ ގުޅޭ 12 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު އޭގެ ފަހުން ވެސް ވައްކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައި ވެއެވެ.