އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީން ކުރިއަށް ގެންދާ ސީދާ ކުއްލި ހަރަކާތުގެތޭގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރޭ ހިނގާލުމެއް ބާއްވައިފި އެވެ.

އެމްޑީޕީގެ "ސިޔާސީ މައިދާން"، އުސްފަސްގަނޑުން ރޭ 11:00 ޖަހާކަންހާއިރު ފެށި ހިންގާލުމުގައި ރައީސް ނަޝީދު އިސްކޮށް ހުންނެވި އިރު އެމަނިކުފާނާއެކު އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ގައުމީ މަޖުލީހުގެ މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ރައީސް ނަޝީދުގެ ސަރުކާރުގެ ވަޒީރުން ތިއްބެވި އެވެ.

ރައީސް ނަޝީދު ބޭއްވި ހިނގާލުން އޮތީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ބޭއްވި ހިނގާލުން ނިންމާލީ އުސްފަސްގަނޑަކަށެވެ.

އެމްޑީޕީގެ ހިނގާލުމުގައި ރޭ އެއްވެސްތާކަށް މަޑުކޮށްގެން އަޑުއުފުލައި ޝުއޫރުފާޅުކޮށްފައެއް ނުވެއެވެ. މިއީ އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގެ ތެރޭ ތަނަކަށް މަޑުނުކޮށް އަދި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ނުހިނގާ މީހަކު ވެސް ހައްޔަރުނުވެ ނިމިގެންދިޔަ ހަރަކާތެކެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި ހިނގާލުމުގައި މައިގަނޑު ޝުއޫރަކަށް އޮތީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބަޣާވަތަކުން" ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނެ ރައީސް ވަހީދުގެ އިސްތިއުފާއަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވައިލުމެވެ.

ހަމަނުޖުމެއް ނެތި ރޭ އެމްޑީޕީން ހިނގާލުމެއް ބޭއްވިއިރު ރޭ އިރުއޮއްސުނު ވަގުތު ފުލުހުން ވަނީ، ރައީސް ނަޝީދުގެ ފޯން ކޯލެއްގެ ރިކޯޑިން ކޯޓް އަމުރެއްގެ ދަށުން ނެރެފަ އެވެ. އެ ކޯލުގައި ނަޝީދު ވިދާޅުވަނީ އެމަނިކުފާނު ބޭނުންފުޅު ވަނީ ފުލުހުންގެ ގައިގައި ތަޅަން މީހުން ނެރެން ކަމަށެވެ.