ފުލުހުންނަށް އަނިޔާކުރަން ހިތްވަރުދީ، އެކަމަށް ގޮވާލި މައްސަލައިގައި ރޭ ހައްޔަރުކުރި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ ދޫކޮށްލަން އެމްޑީޕީއިން ގޮވާލައިފި އެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާއި ގުޅިގެން މާހިރު ހައްޔަރު ކުރުމަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް މާހިރު ކުރަމުންގެންދާ މަސައްކަތް ހުއްޓުވަން ފުލުހުން ރާވައިގެން ހިންގާފައިވާ ގާނޫނު އަސާސީ އާ ޚިލާފު ޢަމަލެއް ކަމަށެވެ.

އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ މެމްބަރު ކަން ވެސް ކުރައްވާ މާހިރު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ގޮތުގެ މަތީގައި އޭނާ ހުންނަވަނިކޮށް ކަމަށް ވެސް އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެ އެވެ. އަދި ބުނެފައި ވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުށްޓާލައި، ގައުމުގައި ސުލްހަ މަސަލަސް ކަމާއި އަމަން އަމާންކަން ގާއިމު ކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންނަށް އެޕާޓީން ވަނީ އިލްތިމާސް ކުރާ ކަމަށެވެ.

ރޭ 8:25 ހާއިރު މާހިރު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މާހިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން ކޭމްޕްޖަހާފައިވާ އުސްފަސްގަނޑުގައި މިމަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލަދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލާފައިވާތީ އެވެ.

ފުލުހުން އިއްޔެ ނޫސްވެރިންނަށް ދައްކާލި ވީޑިއޯގައި މާހިރު ވަނީ އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލަދީ ދީ ހެދުމަށް ގޮވާފަ އެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން އެންމެފަހު މީހާއާ ޖެހެންދެން ތަޅާ ބިމަށް ތިރިއަރުވާލަން ކަމަށްވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.