ޖަކާޓާ (ޖުލައި 25) : އިންޑޮނީޝިޔާގެ ސުމަޓްރާ ޖަޒީރާގެ އައްސޭރިފަށަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެވެ. އިންޑޮނީޝިޔާގެ ސައިސްމޮލޮޖިކަލް މަރުކަޒުން ބުނިގޮތުގައި މިބިންހެލުން އައިސްފައިވަނީ އުތުރު ސުމަޓްރާގެ އައްސޭރިފަށުގެ 300 ކިލޯމީޓަރުގެ ދުރަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭ މަރުކަޒުން ބުނިގޮތުގައި މިއީ ރެކްޓަރު މިންގަނޑުން 6.6 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. ބިންހެލުމުގެ މަރުކަޒުހުރީ ސުމަޓްރާގެ އައްސޭރިފަށުގެ ކަނޑުގެ އަޑިން 45 ކިލޯމީޓަރު ފުނުގައެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައިވާ ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އަދި މީހުންނަށާއި ތަކެއްޗަށް ގެއްލުން ލިބުނުކަން ނުވަތަ ނޫންކަންވެސް އަދި ސާފުވެފައެއްނުވެ އެވެ. މި ބިންހެލުމާއެކު ބިންގަނޑަށް ބާރުގަދަ ލޮޅުންތައް އަރަން ފެށުމުން ސުމަޓްރާގެ ރައްތަކާއި ވިލެޖްތަކުގެ ރައްޔިތުންވަނީ ގެތަކާއި އިމާރާތްތަކުން މަގުތަކަށްނުކުމެ ހާސްކަމާއެކު އެކިދިމާއަށް ޙަރަކާތްތެރިވާން ފަށާފައެވެ. ބިންހެލުމާއެކު އެރިލޮޅުންތައް ފަސްވަރަކަށް މިނިއްޓަށް ދިގު ދެމިގެން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނީޝިޔާގެ އެހެން ހިސާބުތަކަށްވެސް މިބިންހެލުމުގެ ލޮޅުންތައް އެރިކަމަށްވެއެވެ. ސުމަޓްރާ ޖަޒީރާއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން އަދި އެންމެ ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. މިއަހަރުގެ ކުރީކޮޅުގައިވެސް ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. އަދި 2004 ވަނަ އަހަރާއި 2006 ވަނަ އަހަރާއި 2009 ވަނަ އަހަރުވެސް ސުމަޓްރާއަށް އެކިމިންވަރުގެ ބިންހެލުންތައް އައިސްފައިވެއެވެ. މީގެތެރެއިން އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ރެކްޓަރ މިންގަނޑުން 9 ގެ ބާރުމިނުގައި އައި ބިންހެލުމެވެ. -- ނޫސްއެޖެންސީތައް