25 Jul 2012, 10:14
އަކްރާ (ޖުލައި 25): ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާގެ ރައީސް ޖޯން އެޓަމިލްޒް އިއްޔެ ހަވީރުގެ ވަގުތެއްގައި ކުއްލިގޮތަކަށް އަވަހާރަވުމާއެކު އެ ޤައުމަށް ކުއްލި ޝޮކެއް ލިބިއްޖެވެ.
ގާނާގެ ރިޔާސަތުން ބުނިގޮތުގައި އުމުރުން 68 އަހަރުގެ މިލްޒް އަވަހާރަވީ ސިއްޙީ ކުއްލި ޙާލަތެއްދިމާވެގެން އަކްރާގައި ހުންނަ ޢަސްކަރީ ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރައީސް މިލްޒް އަވަހާރަވީ ވަރުގަދަ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. ގާނާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން މިލްޒް ވެރިކަމާ ޙަވާލުވެވަޑައިގަތީ 2009 ގަ އެވެ.
ދާދިފަހުން އޭނާވަނީ މެޑިކަލް ޗެކްއަޕެއް ހެއްދެވުމަށްޓަކައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި މާދަމާ ނައިޖީރިޔާއަށް ޒިޔާރަތް ކުރެއްވުމަށް މިލްޒްވަނީ ރާއްވަވާފަ އެވެ. ރައީސް މިލްޒް އަވަހާރަވިކަން ގާނާގެ ރިޔާސަތުން އިޢްލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގާނާގެ ދަސްތޫރާއެއްގޮތްވާ ގޮތުގެ މަތިން ނައިބު ރައީސް ޖޯން ޑްރަމާނީ ވަނީ ރައީސް ކަމުގެ ޤާނޫނީ ހުވާ ކުރައްވާފަ އެވެ. އިއްޔެ އަވަހާރަވި ރައީސް މިލްޒްގެ ވެރިކަމުގައި ގާނާގެ އިޤްތިސާދު ރަނގަނޅުވެ މިފަހަކަށް އައިސް ނާންނަވަރުގެ ތަނަވަސްކަމެއް އެޤައުމަށް އައިސްފައިވާތީ ރައްޔިތުންގެ ތާއީދު އޭނާއަށް ބޮޑުވެފައިވާތީ މިލްޒްވަނީ މިއަހަރުގެ ޑިސެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއްލާން ކުރައްވާފައެވެ.
ރައީސް މިލްޒްގެ ވެރިކަމުގައި ގާނާއިންވަނީ ކޮންމެވެސް ވަރަކަށް ތެޔޮނަގަން ފަށާފައެވެ. ތެލުގެ އާމްދަނީއާއެކު އެތަށް ބަޔަކަށް ވަޒީފާލިބި ގާނާއަށްވަނީ އިތުރު ފާގަތި ކަމެއް އައިސްފައެވެ. ގާނާ ހިމެނެނީ އެފްރިކާގައި ދާޚިލީ ހަނގުރާމައާއި ތަޅާފޮޅުންތަކުން ސަލާމަތްވެފައިވާ މަދުޤައުމުތަކުގެ ލިސްޓްގައެވެ. ރައީސް މިލްޒް ކުއްލިގޮތަކަށް އަވަހާރަވުމާއެކު ގާނާގެ ރައްޔިތުންނަށް ކުއްލި ޝޮކެއްލިބުނީ އޭނާގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ބޮޑުކަމުންނާއި މިލްޒްގެ ސިއްހީ މައްސަލައެއް މިހާތަނަށް ފެންމަތިވެފައިނުވާތީ ކަމަށް ޚަބަރުލިބެއެވެ. -- ރޮއިޓާސް