25 Jul 2012, 00:02
ފެބުރުއަރީ 7 ވަނަ ދުވަހު މިހާރުގެ ޑިފެންސް މިނިސްޓާ މުހަންމަދު ނާޒިމަށް އެކި ފަރާތްތަކުން ފޮނުވި އެސްއެމްއެސްތަކެއް ކަމަށް ބުނެ އެ މައުލޫމާތުތައް ލީކް ކޮށްފައިވާތީ އެ މެސެޖްތައް ލީކުކޮށްލި ބަޔަކާއި މެދު ފަރުދީ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ގާއިމްކޮށްފައިވާ އޭނާގެ ވޯލްގައި ނާޒިމް ސޮއި ކުރައްވާ މިރޭ އާންމު ކުރި ބަޔާނުގައި ބުނަނީ ފެބްރުއަރީ 7 ވަނަ ދުވަހު އޭނާގެ ފޯނަށް ބަޔަކު ފޮނުވާފައިވާ އެސްއެމްއެސްތަކެއް ކަމަށް ބުނެ ރާއްޖެ ޓީވީއިން އެސްއެމްއެސްތަކެއްގެ މައުލޫމާތު އާންމުކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުސް އޮފީހަށާއި ބްރޮޑްކާސްޓިން ކޮމިޝަނަށް އޭނާ މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. މި ބަޔާން އޭނާ ވަނީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ވެސް އާންމުކޮށްފައެވެ.
އޭގައި ނާޒިމް އަދި ވިދާޅުވެފައި ވަނީ އެ މައުލޫމާތުތައް ލީކްކުރި ފަރާތްތަކާމެދު ފަރުދީ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މި މައްސަލައާ ބެހޭ ގޮތުން މިކަން ކުރި ބަޔަކާއި ދެކޮޅަށް އަޅުގަނޑުގެ ފަރުދީ ހައިސިއްޔަތުން އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު މި ގެންދަނީ ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
"ރާއްޖެ ޓީވީ" ގެ އެ އަމަލަކީ ކަނޑައެޅިގެން ގާނޫނޫ އަސާސީ އާއި ގާނޫނުތަކާ ހިލާފުވުމުގެ އިތުރުން އަދި ބްރޮޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ލީކްކޮށް ސާކިއުލޭޓް ކުރާ އެސްއެމްއެސް ތަކަކީ އަސްލު ކަން ނުވަތަ ނޫންކަމެއް ވެސް ނާޒިމް ވިދާޅެއް ނުވެ އެވެ.
ފެބްރުއަރީ ހަތްވަނަ ދުވަހު ނާޒިމަށް ފޮނުވާފައިވާ އެސްއެމްއެސްތަކަށް ބުނެ ލީކް ކޮށްލި އެސްއެމްއެސް ތަކުގައި ހުރި ގިނަ އެސްއެމްއެސްތަކަކީ އޭނާޔަށް މަރުހަބާ ކިޔާފައިވާ މެސެޖްތަކެވެ. އަދި ބައެއް މެސެޖްތަކުގައި ނާޒިމާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ހުރިއިރު ޑިފެންސް މިނިސްޓްރީގެ ބައެއް ކަންތައްތައް ހަމަޖެއްސުމަށް އޭނާޔާ ކޮށްފައި ހުރި މުއާމަލާތްތައް ވެސް ހުއްޓެވެ.
އެ މެސެޖްތައް ލީކްވެފައި ވަނީ ފުލުސް އޮފީހުން ނޫންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ވަނީ ޔަގީންކަން ދެއްވާފަ އެވެ.