24 Jul 2012, 21:15
ފުލުހުންނަށް އަނިޔާކުރަން ހިތްވަރުދީ ގޮވާލި މައްސަލައިގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާހިރު ހައްޔަރު ކުރީ މިރޭ 8:25 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ކޯޓުން އަދި މާހިރުގެ މުއްދަތު އިތުރުކުރަން ގެންގޮސްފައެއްނުވެ އެވެ.
މާހިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން ކޭމްޕްޖަހާފައިވާ އުސްފަސްގަނޑުގައި މިމަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލަދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލާފައިވާތީ އެވެ.
ފުލުހުން މިއަދު ނޫސްވެރިންނަށް ދައްކާލި ވީޑިއޯގައި މާހިރު ވަނީ އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލަދީ ދީ ހެދުމަށް ގޮވާފަ އެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން އެންމެފަހު މީހާއާ ޖެހެންދެން ތަޅާ ބިމަށް ތިރިއަރުވާލަން ކަމަށްވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.
ފުލުހުން މިއަދު ދައްކާލި ވީޑިއޯގައި އުސްފަސްގަނޑުގައި ހުރެ ވާހަކަދައްކަވަމުން މާހިރު ވިދާޅުވަނީ؛ "އޭކަލޯއޭ. ތިޔަހަދަނީ ނުބައިކޮށޭ. މާ މަޑީއޭ ތިބޭލެއް. ހުސްއަތާނުދާށޭ. އިސްލާމްދީނުގައި އޮތީ ބަޣާވާތްކުރި މީހުން އެންމެފަހު މީހާއަށް ދަންދެން ތަޅާ ބިމަށް ތިރިއަރުވާލަން..."
މާހިރު އަދި ވިދާޅުވީ ބަޣާވާތް ކުރި މީހުންނަކީ ކަނޑައެޅިގެން ލޭ އޮހޮރުވަންޖެހޭ މީހުން ކަމަށާއި އަދި ދަންނަބޭކަލުންނޭ ކިޔައިގެން ތިބި މީހުން މިހާރު އެވާހަކަ ނުދައްކަނީ ކީއްވެތޯ އާއި އެމީހުން މިއަދު ކޮބައިތޯ ސުވާލު ކޮށްފައިވެ އެވެ.
"އެމީހުންނަށް ކަނޑައެޅިގެން އެނގޭ މިތިބީ އިސްލާމްދީނާ ޚިލާފަށްކަން ދިވެހިރާއްޖޭގެ ގާނޫނާއި ގާނޫނުއަސާސީއާ ޚިލާފަށް ބަޣާވާތްކޮށްގެން ވެރިކަން ފޭރިގަނެގެން ކަން. އާދެ އަޅުގަނޑުމެންގެ ވެރިކަމެއް އެއީ. އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ވެރިކަން ހޯދަން. އެހެންވީމާ މިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެންމެފަހު މީހާއާ ޖެހެންދެން މަސައްކަތް ކުރާނަން. އަޅުގަނޑު ވެސް މިހިރީ. އަޅުގަނޑުގެ މިހިރަ ނުރަބޮލާއި ނުރަ ތުނބުޅި އާ އެކު ވެސް ތިބޭފުޅުންނާއެކީގައި ބެރިކޭޑްމަތިން ޑައިބް ޖަހާނަން،" މާހިރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ ބިލްޑިންގްގެ 10 ވަނަ ބުރީގައި، ރެޑީމޭޑް ޕާޓިޝަން ޖެހުމުގެ މަސައްކަތުގެ ތެރޭގައި، ވަކި ފަރާތަކަށް ބިޑް އެވޯޑް ކުރަން މަސައްކަތް ކޮށްފައިވާތީ، އެ މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝން ބޯޑުގެ މެމްބަރުންތަކެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕީޖީ އޮފީހަށް ފޮނުވި ފަރާތްތަކުގެ ތެރޭގައި ވެސް މުހައްމަދު މާހިރު ހިމެނި ވަޑައިގަންނަވަ އެވެ.