24 Jul 2012, 20:05
ބަޔަކު ނެރެގެން ފުލުހުންނަށް އަނިޔާކޮށް އެމީހުންގެ ގައިގައި ތަޅަން ފެންނަ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ހިތްވަރުދެއްވާ ފޯންކޯލުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން ދިގު މުއްދަތަށް ކޭމްޕް ޖަހާފައިވާ އުސްފަސްގަނޑު ރޫޅާލަން ފުލުހުން އުސް ފަސްގަނޑަށް އެރި ދުވަހު ރައީސް ނަޝީދާއި އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ ދެބޭފުޅުން ފޯނު މެދުވެރިކޮށް ދައްކާފައިވާ ވާހަކަތަކުގެ އެ ފޯން ރިކޯޑިންއެއް ކްރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދު ނެރެފަ އެވެ.
އެ ފޯން ކޯލާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޑް އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވިދާޅުވީ ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައާ ގުޅިގެން މިހާރު މާރިޔާ ދީދީއާ ސުވާލުކޮށް ބަޔާނެއް ވެސް ނަގާފައިވާ ކަމަށެވެ. މާރިޔާއާ ސުވާލު ކުރުމުން އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ އަމިއްލަ ބަޔަނެއް ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލައާ ގުޅިގެން ރައީސް ނަޝީދާ ފުލުހުން ސުވާލު ކުރާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތުން އެއްބާރުލުމެއްް ލިބިވަޑައި ނުގެންފިނަމަ މިހާރު ލިބިފައި ހުރި ހެކީގެ މައްޗަށް ރިޔާއަތްކޮށް މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. މީގެ އިތުރުން ދައުލަތުގެ އިސްވެރިން ފުލުހަށް ހާޒިރުވެ ތަހުގީގަށް ބަޔާންދެއްވުމުގައި ފުލުހުން އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރޭގައި ބަޔާން ދެއްވަން ބޭނުންފުޅު ނުވާނަމަ ބޭނުންފުޅުވާ ތަނެއްގައި ބަޔާން ނެގުމުގެ ފުރުސަތު ރައީސް ނަޝީދަށް ދެއްވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާ ފަރާތްތައްކަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދިނުމުގެ ގޮތުން އެބޭފުޅުން ބޭނުންފުޅުވާ ކަމުގައި ވާނަމަ ކޮންމެހެން ތަހުގީގަށް ހާޒިރުކޮށްގެން ތަހުގީގު ކުރާކަށް ނުޖެހޭ. މައްސަލަތަކުގައި އެބޭފުޅަކު ބޭނުންފުޅުވާ ތަނެއްގައި އެބޭފުޅަކަށް އެފުރުސަތު ފަހިކޮށްދިނުން އޮވޭ. އަޅުގަނޑުމެން އެބޭފުޅަކަށް ދޭ ފުރުސަތަކީ ތަހުގީގުގައި އެބޭފުޅެއްގެ ދިފާއުގައި ވާހަކަ ދައްކަން ދޭ ފުރުސަތެއް،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނަޝީދުގެ ފޯންކޯލް އާންމުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން އުސޫލުތަކާ ގާނޫނުތަކާ ޚިލާފުނުވާ ގޮތަށް ކަމަށެވެ.
"މީގެ ކުރީގެ ފޯނު ކޯލުތަކަކީ ރަސްމީ އިދާރާއަކުން ރަސްމީ ހައިސިއްޔަތުން ކޮށްފައި އޮތް ކަމެއް ކަމަށް ބަޔާން ކޮށްފައި އޮތް ކަމެއް ކަން އެނގިފައިއެއްނުވޭ. ނަމަވެސް މި ފޯން ކޯލަކީ ރަސްމީ ހައިސިއްޔަތަކުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމާބެހޭ ހުރިހާ ގާނޫނުތަކާ އިޖުރާތުތަކާ އެއްގޮތަށް ރިކޯޑްކޮށްފައިވާ ފޯން ކޯލެއް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފޯން ކޯލަކީ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ފޯން ރިކޯޑިންގައި މާރިޔާދީދީ ރައީސް ނަޝީދަށް ފޯނުން ގުޅުއްވާ ވިދާޅުވަނީ "... ދަންނަވަންތޯ؟ މީހުންތައް އެތަނުން ފަހަތަށް އެބަ ޖައްސާ! ޕެޕާސްޕްރޭ ޖަހަމުން އެއްޗެހި ޖަހަމުން! އެހެންވީމަ ގައުމީ މަޖިލިސް ނުބޭއްވިގެން މިއުޅެނީ. ދެން އަނެއްކާ އިތުރު ސިޓީއެއް ލިބިއްޖެ އޮފީހަށް، މިރޭ ދިހައެއް ޖަހަންވާއިރަށް ހުސްކުރަން ޖެހޭނެއޭ ދެން ކޯޓަށް އިސްތިއުނާފު ކުރަން ވިޔަސް އެހެން ކަމަކަށް ވިޔަސް އެއިން އެއްވެސް ކަމެއް ވާކަށް ނެތް. ގައުމީ މަޖިލިސް ބޭއްވޭ ކަށް ނެތް! ކޯރަމެއް ހަމައެއްނުވޭ!"
އެ ވާހަތައް މާރިޔާ ދެއްކެވުމަށްފަހު ދެން އެކަމުގައި ދެން ހަދަންވީ ކިހިނެއްތޯ ރައީސް ނަޝީދާ ސުވާލު ކުރައްވަ އެވެ. އެއާއެކު ނަޝީދު ވިދާޅުވެ އެވެ:
"ދެން އަނެއްހެން ގޮތެއް ނެހެދޭނެތާ! އަޅުގަނޑަކަށް އަނެއްހެން ނޭނގޭ! ދެން ކޮން ގޮތެއްތޯ ތީގައި އޮންނާނީ؟" ނަޝީދު އެހެން ވިދާޅުވުމުން މާރިޔާ ދީދީ އަނެއްކާ ވެސް ވާހަކަ ދައްކަވަން ފެއްޓުވުމުން ނަޝީދު ވިދާޅުވެ އެވެ: "...އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ލިބިއްޖެއްޔާ ތަޅަން ނެރެން. އެއީ އަޅުގަނޑަށް ވަރަށް ސާފުކޮށް ފެންނަނީ ތަޅަން. ތަޅާނެ ބަޔަކު ލިބިއްޖެއްޔާ ތަޅަން. މާލެތެރެއިން ތަޅާނެ ކުދިންތަކެއް ހޯދާފައި ފުލުހުންނާ ތަޅަން. އެއީ އަޅުގަނޑަށް ފެންނަ ގޮތް. އަޅުގަނޑަކަށް ނޭންގެ ތަޅާނެ ބަޔަކު ލިބޭނެ ކަމެއް. އަޅުގަނޑު ބޭނުންވަނީ އެމީހުންނާ ތަޅަން،"
ފުލުހުން ބުނެފައިވަނީ އެ ފޯން ރިކޯޑިންއަކީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދި ރިކޯޑިން އެއް ކަމަށެވެ.