24 Jul 2012, 18:40
ސައިކަލަކުން ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ފެތުރި ޚަބަރާ ގުޅިގެން އެ ޗެނަލުން މިއަދު މާފަށް އެދިއްޖެ އެވެ. ހަބަރާ ގުޅިގެން ރާއްޖެ ޓީވީން މާފަށް އެދުނީ މާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
ރާއްޖެ ޓީވީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާފަށް އެދުނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މާފަށް އެދުމަށް ކޮމިޝަނުން އެންގީ އަދަބު ދިނުމުގެ ރޫހެއްގައި ކަމަށް ދެކޭ ކަމަށެވެ.
ރާއްޖޭ ޓީވީގެ ބަޔާނުގައި ބުނަނީ ފުލުހުންތަކެއް ސައިކަލަކުން ވަގަށް ޕެޓްރޯލް ނެގި ކަމަށް އެ ސްޓޭޝަނުން ފޮނުވި ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ނިންމާފައި ވަނީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ތަހުގީގު ކުރެއްވުމެއް ނެތި ކަމަށާއި އަދި އެކަން ކޮށްފައި ވަނީ ފުލުހުން އެއީ ދޮގެއް ކަމަށް ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"މި ކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލު ކުރައްވާފައި ވަނީ މި ސްޓޭޝަނަށް އަދަބު ދިނުމުގެ ރޫހެއްގައި ކަމަށް މި ސްޓޭޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލޮލަށް ޕެޕާ ސުޕްރޭ ޖެހި މަންޒަރު ސާފުކޮށް ފެންނަ ވީޑިއޯ އެ ޗެނަލުން އާންމުކޮށްފައި ވަނިކޮށް ވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެފަދަ ކަންކަމާ ގުޅިގެން ފުލުހުން ބުނާ ބަހުގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެ ހަބަރާ ގުޅިގެން ފުލުހުންގެ ބަހެއް ގެނެސްދީފައިވާކަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކޮށްފައި ނުވާތީ އާއި މި ސްޓޭޝަނުން ގެނެސްދިން އެ ހަބަރަކީ، ކަން ހިނގި ގޮތް ސާބިތު ކުރެވޭ ފަދަ، އެކަން ހިނގި ކަމުގެ މުއުތަބަރުކަން ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް ގެނެސްދެވިފައިވާ ހަބަރެއް ނޫން ކަމަށް ނިންމުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ވަކި ފަރާތެއްގެ މަސްލަހަތަށް ބައްލަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް މި ސްޓޭޝަނުން ދެކެމެވެ،"
ރާއްޖެ ޓީވީން ބްރޯޑްކާސްޓިން ކޮމިޝަން އިހުތިރާމް ކުރުމުގެ ގޮތުން މާފަށް އެދުނު އިރު ކޮމިޝަނުން ރާއްޖެ ޓީވީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސައިކަލަކުން ފުލުހުން ޕެޓްރޯލް ނެގި ކަމަށް ބުނެ ރާއްޖެ ޓީވީިން ފެތުރި ހަބަރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޮގުކޮށް އަދި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ހާމަކުރުމުން ވެސް އެކަން އިސްލާހުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.