24 Jul 2012, 18:22
ފުލުހުންނަށް އަނިޔާކޮށް އެމީހުންގެ ގައިގައި ތަޅަން ބަޔަކު ނެރެން ފެންނަ ކަމަށް ބުނެ އެކަމަށް ރައީސް މުހައްމަދު ނަޝީދު ހިތްވަރުދެއްވާ ފޯންކޯލެއް ކްރިމިނަލް ކޯޓް އަމުރެއްގެ ދަށުން ފުލުހުން މިއަދު ނެރެފި އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޑުއިއްވި ފޯން ރިކޯޑިންގައި ވާހަކަ ދައްކާފައިވަނީ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ.
ފުލުހުން މިއަދު ނެރުނު ފޯން ރިކޯޑިންގައި މާރިޔާދީދީ ރައީސް ނަޝީދަށް ފޯނުން ގުޅުއްވާ ވިދާޅުވަނީ "ަލޯ! ދަންނަވަންތޯ މިހާރު އެބަ ފަހަތަށް ޖައްސާ އެތަނުން! ފަހަތަށް އެބަޖައްސާ ހުރިހާ އެންމެންތައް، ޕެޕޭ ސްޕްރޭ ޖަހަމުން، ހުރިހާ އެއްޗެއް ޖަހަމުން ފަހަތަށް، އެހެންވީމާ ގައުމީ މަޖިލިސް ނުބޭއްވިގެން މިއުޅެނީ، އަނެއް އިތުރު ސިޓީއެއް ލިބިއްޖެ އޮފީހަށް މިރޭ ދިހައެއް ޖަހަންވާއިރަށް ހުސްކުރަން ޖެހޭނޭ! ދެން ކޯޓަށް އިސްތިއުނާފަކަށް ދާންވިޔަސް އެހެން ކަމަކަށް ދާންވިޔަސް އެއިން އެއްވެސް ކަމެއް ވާކަށް ނެތް، ގައުމީ މަޖިލިސް ބޭއްވޭކަށް ނެތް، ކޯރަމް އެއް ހަމައެއް ނުވޭ، ޝިހާބު އެބަހު ހުންނެވި މިތާ އެކަމަކު ޕެޕާ ސްޕްރޭ ޖަހަމުން ފަހަތަށް ޖައްސަމުން އެއަށް އަންނަނީ. އެތަނަށް ވަދެގެން ނޫންތޯ އެތަން ހުސް ކުރެވޭނީ ވެސް އެހެންވީމާ އެމީހުން ވެސް ވަރަށް ހެއްވާ ކަމެއް އެކުރަނީ. ދެން ކިހިނެއް އަޅުގަނޑު ހަދާނީ؟" ރައީސް ނަޝީދާ ސުވާލު ކުރައްވަ އެވެ. އެއާއެކު ނަޝީދު ވިދާޅުވެ އެވެ:
"ދެން އަނެއްހެން ގޮތެއް ނުހެދޭނެތާ ދެއްތޯ؟ ދެން އަޅުގަނޑަކަށް އަނެއްހެން ނޭނގޭ ހަމަ އަޅުގަނޑަކަށް ނޭނގޭ ވަކި... ކޮން ގޮތެއްތޯ ތީގަ އޮންނާނީ؟ ދެއްތޯ؟"
"ދެން ހަމަ ދަންނަވާލީ! ދިހައެއް ޖަހާއިރު ތަން ހުސް ކުރާށޭ ކިޔާފަ ސިޓީ ފޮނުވާފައި އެބައޮތް ޕާޓީ އޮފީހާ ހަވާލުކޮށްފައި އެބައޮތް،"
"އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ހޯދަން! އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ލިބިއްޖެއްޔާ ތަޅަން ނެރެން.
"ދެބައި މީހުން؟" މާރިޔާ ވިދާޅުވެއެވެ.
"އެއީ އަޅުގަނޑަށް ހަމަ ވަރަށް ފެންނަނީ ތަޅަން. ތަޅާނެ ބައެއް ލިބުނިއްޔާ ތަޅަން ނެރެން ހަމަ. މާލެ ތެރެއިން ތަޅާނެ ކުދިންތަކެއް ހޯދާފައި ފުލުހުންނާ ތަޅަން ހަމަ [މާރިޔާ ހިނިފުޅުވަޑުވާ އަޑު] އެއީ އަޅުގަނޑަށް ފެންނަ ގޮތަކީ ދެން އަޅުގަނޑަކަށް ނޭނގޭ ތަޅާނެ ބައެއް ލިބޭނެ ކަމެއް. އަޅުގަނޑު ބޭނުމޭ މިރޭ ތަޅަން އެމީހުންނާ،"
"ވަރަށް ދެއްތޯ ހެއްވާކޮށް މިއުޅެނީ ދެއްތޯ! ދެން ގައިމުވެސް އަޅުގަނޑު މިހުރީ އެ ސަރަހައްދުގައި ހުރެގެން މި ވާހަކަ ދައްކަނީ. ރިޕޯޓިން ފްރަމް ދަ ސަރަހައްދު އެހެންވީމަ އަޅުގަނޑު ހަމަ ދަންނަވާލީ ކަރަންޓް ސިޓްއޭޝަނާ އަޅުގަނޑަށް ލިބުނު ވާހަކަ... ތިބޭޅާ ޖެސެވީމެއްނު ވަޓް ދަ ސާލް ސޭ އޭ!"
"އާނ.. ހާނހާނ!"
" ސާލު ބުނީ ސޯ ފަނީއޭ ޖަހާފައި އޮތީ... ދެން އަޅުގަނޑަކަށް ނޭނގެ!"
"ހައްހަ.. ދެން އަޅުގަނޑަށް ޓެކްސްޓް ކުރައްވަމުން ގެންދަވާތި ވާނުވާއެއް،"
"ދެން އަޅުގަނޑަށް އެނގޭ ވަރަކަށް ކުރާނާން،"
"އަޅުގަނޑަށް ދިޝާނާ އެބަގުޅާ މިހާރު!
"އާދެ ބާއްވަނީ!"
ފުލުހުން ބުނެފައިވަނީ އެ ފޯން ރިކޯޑިންއަކީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދި ރިކޯޑިން އެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެވާހަކަ ތަކަކީ އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި ދުވަހު އެތަނުގައި މާރިޔާ ހުންނަވައިގެން ރައީސް ނަޝީދާ ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި އެ ފޯން ކޯލަށް ފަހު މޭ 29 އާއި 30 ވަނަ ދުވަހު ފުލުހުންނާ ދެކޮޅަށާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ އަނިޔާ ކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ފޯން ކޯލުގެ ފަހުން ފުލުހުންނަށް ކުރާ ޖިސްމާނީ އަނިޔާ އިތުރުވެގެންދިޔަ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
"ބޮޑު ތަކުރުފާނުމަގު ފިއުލް ސަޕްލައި ކައިރީ ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވި ފުލުހުންނަށް ހަމަލަދީ ފުލުހުންގެ ތެރެއިން ބައެއް މީހުންނަށް އަނިޔާކޮށްފައިވޭ. އަދި މީގެތެރޭ އަންހެން ފުލުހުކަށް ވެސް އަނިޔާކޮށްފައިވޭ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުސް ފަސްގަނޑު ރޫޅައިލަން އުޅުމުގެ ކުރިން ޖޫން 29 ވަނަ ދުވަހުގެ ކުރި މުޒާހަރާގައި ވެސް ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ އަނިޔާކޮށް ހަދާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އުސްފަސްގަނޑު ސަރަހައްދުން ސައިކަލެއްގައި ދިޔަ ސިފައިންގެ ސާޖަންޓެއް ހިފަހައްޓައި އަތުގައި ހުރި ތަކެތި އަތުލައި އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ އެ ފޯންކޯލަށްފަހު ފުލުހުންނަށް ޖިސްމާނީ އަނިޔާ ދިން 22 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެތެރޭ އެއް ފުލުހަށް ވުރެ ގިނަ ފުލުހުންނަށް ހަމަލަދިން މައްސަލަތައް ވެސް ކޭސް އެއްގެ ގޮތުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހާދިސާތަކުގައި 23 ފުލުހަކަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށާއި ގަލުންނާއި އަތުންނާއި ފައިން ތެޅުމުގެ އިތުރުން އަލިފާން ރޯކޮށްފައިވާ ތަކެތި ހިފައިގެން ނުކުމެ އަލިފާން ޖެހުމާއި ލޮލާއި ކަންފަތައް އަމާޒުކޮށް މިރުހާއި ކަޅުތެޔޮ ޖަހާފައިވާ ކަމަށާއ އެ އަނިޔާ ތަކުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ބައެއް ފުލުހުން ރާއްޖޭން ބޭރުގައި ވެސް ފަރުވާ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފަހަކަށް އައިސް ސަލާމަތީ ބާރުތަކަށް ދޭ ހަމަލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރިޔާޒު އަދި ވިދާޅުވީ ޚާއްސަގޮތެއްގައި ފުލުހުންގެ މޫނާއި ބޮލަށް ހަމަލަދީފައިވާ ކަމަށާއި ރަސްމީ ބޭނުންތަކަށް ފުލުހުން ގެންގުޅޭ ތަކެތި ހަލާކުކޮށް ހަޑިހުތުރު ބަހުން އެއްޗެއްހި ކިއުމާއި ބިރުދެއްކުމުގެ ކަންތައް ކޮށްފައިވާއިރު ފުލުހުންގެ އަނބިދަރިންނާއި އާއިލާއަށް ގެއްލުންދޭނެ ކަމަށް ބުނެ ދީފައިވާ އިންޒާރުތަކާއި ހަމަލާތަކުގެ ލިސްޓެއް ވެސް ނޫސްވެރިންނަށް ދެއްކި އެވެ.