26 Apr 2025, 20:04
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިރެއެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވަނީ، ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށެވެ.
މީގެ ކުރިން ވެސް ފަރުހާދު ވަނީ ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައެވެ. އެއީ 2023ވަނަ އަހަރު އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އޭރު ފަރުހާދު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ. މި އަޑުއުފުލުމުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވައިލައިފައެވެ.