ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނަށް ޖިސްމާނީ އަނިޔާތައް ދެމުން ގެންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީގެ އިސް މެންބަރުން ރާވައިގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް މެންބަރުން ފުލުހުންނަށް އަނިޔާ ކުރަން ރާވައިރު އެކަންކަމަށް އެމްޑީޕީގެ އެކި ފެންވަރުގެ ވެރިން ހިތްވަރުދީ އެކި މުނާސަބަތުގައި ވާހަކަ ދައްކާ ކަމަށެވެ. އަދި ވިދާޅުވީ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލީ ފުލުހުންނަށް އަނިޔާކޮށް ޖެއްސުންކޮށް ފުރައްސާރަ ކުރުމަށް އެމްޑީޕީގެ އެކި މީހުން ގޮވާ ހިތްވަރު ދެމުން ދިއުމުން ކަމަށެވެ.

"އަނިޔާ ކުރުމާ ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައި ގޮވާ ހިތްވަރުދެމުންދާތީ އެންމެ ފަހުން ކުށެއްނެތް ފުލުހަކު ވަނީ ލާއިންސާނީ އަނިޔާއެއްގެ ޝިކާރަކަށް ވެ ޝަހީދުވެފަ،" ރިޔާޒު ވިދާޅުވި އެވެ.

ފުލުހުންނަށް ލިބިފައިވާ އަނިޔާތަކާއި ގެއްލުންތަކުގެ ތަފްސީލު ދެއްވަމުން ރިޔާޒު ވިދާޅުވީ ފެބްރުއަރީ އަށްވަނ ދުވަހުގެ ހަމަނުޖެހުންތަކުގައި 65 ފުލުހެއްގެ އަމިއްލަ މުދަލާއި ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލާފައިވާއިރު އޭގެ ސަބަބުން 13 ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ އަށްވަނަ ދުވަހުގެ ފަހުން މާލޭގައި ކުރި އެކި މުޒާހަރާގެ ތެރޭގައި 85 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ފެބްރުއަރީ އަށް ވަނަ ދުވަހު ހިނގި ހާދިސާ އާ ގުޅިގެން 65 ފުލުހަކަށް އެކި އެކި ގޮތް ގޮތުން ގެއްލުން ލިބިފަ އެބަހުރި. އެމީހުންގެ އަމިއްލަ މުދަލާއި ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްފަ އެބަހުރި. ތަހުގީގަށް މިހާރު ފާހަގަ ކުރެވިފައިވާ ގޮތުގައި 13،4200ރ. ގެ އަގުހުރި ގެއްލުން. ބައެއް ފުލުހުން ލައިގެން ހުރި އަންނައުނު ފިޔަވައި އެހެން ހުރިހާ އެއްޗެއް ގެއްލި ހަލާކުވެފަ އެބަހުރި،" ރިޔާޒު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވީ ފުލުހުންނަށްދޭ ހަމަލާތައް ފެށިފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި ހިސާބުން ކަމަށާއި އޭގެ ފަހުން އެކި ފަހަރުމަތިން އެކިއެކި ފުލުހުންނަށް ތޫނު އެޗެހިން ހަމަލާ ދީފައިވާ ކަމަށެވެ.

މިނިސްޓަރު ޖަމީލު ވިދާޅުވީ ފުލުހުނަށްދޭ ހަމަލާތައް އިތުރުވުމުގައި މީޑިއާތަކުން ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ދައްކާ ހަގީގަތާ ޚިލާފު ވާހަކަތައް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ހަގީގަތް އޮޅޭގޮތަށް ރާއްޖެ ޓީވީން މައުލޫމާތު ފެތުރުމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަނުޖެހުމަށް މަގުފަހި ވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށާއި އެފަދަ ދޮގު މައުލޫމާތުތައް ފެތުރުން ހުއްޓުވުމަށް ގައުމީ ވިސްނުމުގައި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހަކު ވެސް ގާނޫނާއި ޚިލާފު ކަމެއް ކޮށްފިނަމަ އެ މައްސަލަ ބެލޭނެ ކަމަށާއި އެފަދަ މައްސަލަތައް ބެލުމުގެ އިންތިޒާމް ހަމަޖެހި މިހާރުވެސް ބައެއް މައްސަލަތައް ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އެންމެ ފުލުހެއްގެ ފަރާތުން ފެންނަ ނުރަނގަޅު ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާއަށް ނަފުރަތާއި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ފަރާތްތަކުން ބޭނުން ވަނީ ގައުމު ނިކަމެތި ކޮށް ދިވެހީންގެ މިނިވަންކަން ގެއްލުވާލައިގެން ސިޔާސީ މަންފާއެއް ހާސިލު ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.