24 Jul 2012, 16:58
މާލިއްޔަތު ކޮމެޓީން އޮޑިޓް ރިޕޯޓުތައް ބަލައި ދިރާސާކުރެ އެވެ. އެއިން ކޮންމެ ރިޕޯޓެއްގައި ކޮމެޓީން ފާހަގަ ކުރާ ކަމެއް އޮވެ އެވެ. މާލިއްޔަތު ގާނޫނުން ބޭރުގައި ބޮޑެތި ހަރަދުތައް ކޮށްފައި ހުންނަ މައްސަލަ އެވެ. އެ މައްސަލަތަކުގައި ކޮމެޓީގެ ބަހުސް ހޫނުވެ މެންބަރުންގެ ހިޔާލުވެސް ތަފާތުވެ އެވެ. މައްސަލައަކަށްވެފައި އޮންނަނީ އޮޑިޓް ރިޕޯޓްގައި އެއް މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވާތީ އެވެ. އެގޮތުން ދެ މައްސަލައެއް އާންމުކޮށް ފެންމަތިވެ އެވެ.
އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ 25،000ރ. އަށް ވުރެ އަގުބޮޑު ތަކެއްޗާއި މަސައްކަތް އިއުލާން ކުރުމެއް ނެތި އެކި ފަރާތްތަކަށް ދީގެން ކުރުވުމެވެ. އަނެއް ކަމަކީ ހަރުމުދަލުގެ އިންވެންޓްރީ ނުބަލަހައްޓުމެވެ.
މާލިއްޔަތު ކޮމެޓީގެ 39 ވަނަ ޖަލްސާ މިއަދު ބޭއްވިއިރު މެންބަރުން ބަހުސް ކުރީ މައިގަނޑު ގޮތެއްގައި މާލިއްޔަތު ގާނޫނާއި ހިލާފު މި ދެ މައްސަލައިގެ މައްޗަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ 25،000ރ. އަށް ވުރެ އަގުބޮޑު ތަކެތި މާލިއްޔަތު ގަވާއިދުގެ 8.15އާ ހިލާފަށް އޮފީސްތަކުން ގަންނަނީ އަދި ބައެއް މަސައްކަތްތައް ކުރުވަނީ ސީދާ ކޮރަޕްޝަނަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ. އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"މިކަންކަން މިކުރެވެނީ ހަމަ އަޅުގަނޑު ދަންނަވާނީ ސީދާ މަކަރާއި ހީލަތް ހަދާށޭ، ގާނޫނެއް ގަވާއިދެއް އޮތިއްޔާ އެގޮތަށް އަމަލުކުރަން ޖެހޭނީ، މިއީ ވަކި ކަމެއް ވީމަޔޭ، ކަންކަމަށް އުނދަގޫ ވަނިއްޔޭ، މިހެން ކިޔާފައި އެއްވެސް މީހަކަށް ނޯނާނެ އޭގެ ބޭރުން އަމަލުކުރާނެ ފުރުސަތެއް، އަޅުގަނޑު ގޮވާލަން މިކަންކަން އެންޓި ކޮރަޕްޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވީ،" އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.
ނަމަވެސް ފިޔަވަޅު އެޅުމުގައި ބައެއް މެންބަރުންގެ ހިޔާލު ތަފާތެވެ. މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ 25،000ރ. އިން މަތީގެ ތަކެތި އިއުލާން ނުކޮށް ގަންނަ މައްސަލައިގައި އެ ހަރަދެއް ކޮށްފައިވަނީ ކިހިނެތްތޯ ބަލައި އެ ކުރެވުނު ގޮތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ބޮޑެތި ވަކި ކަމަކަށް މަހުފަހި ކުރަން އެގޮތަށް ހަރަދުކޮށްފައި ހުރިއްޔާ ފިޔަވަޅު އަޅަން ރަނގަޅު، އެހެންނޫނިއްޔާ ފިޔަވަޅު އަޅާކަށް އަޅުގަނޑަކަށް ނުފެނޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަފުޅަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވެސް ތާއީދު ކުރެއްވެވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ފިޔަވަޅު އަޅަން ނުފެންނަ ކަމަށާއި ނަމަވެސް އެކަން ތަކުރާރު ވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މާލިއްޔަތުގެ ގަވާއިދުގައި އެ ބުނާ 25،000ރ. ގެ ލިމިޓަކީ އެންމެ ރަނގަޅު ލިމިޓްތޯ ބަލައި މާލިއްޔަތު ގަވާއިދު މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މި މައްސަލަތައް މިގޮތަށް ތަކުރާރު ވަންޏާ މިއީ މައްސަލައެއްހެން، އަޅުގަނޑުމެން ބަލަން އެބަޖެހޭ ފިޔަވަޅެއް އަޅާ ވާހަކަ ދެއްކުމުގެ ކުރިން މީގައި ދިމާވާ މައްސަލަތަކެއް ހުރި ނަމަ އެކަން ބަލައި ގަވާއިދު މުރާޖައާ ކުރުން މުހިންމު، އަޅުގަނޑުމެންނަށް ފިނޭންސުން އޮޅުން ފިލުވިދާނެ މި 25،000ރ. މި ލިމިޓް މިހާރަށް ފެތޭތޯ،" ހަމްޒާ ވިދާޅުވި އެވެ.
ހަރުމުދަލުގެ އިންވެންޓްރީ ނުބަލައްހައްޓާ މައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ މުލަކު ދާއިރާގެ އަބްދުﷲ ޔާމީނެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން އަގު ބޮޑު އެތައް މުދަލެއް ގަންނަމުން ދާއިރު ހަރުމުދަލުގެ އިންވެންޓްރީއަށް މުދަލެއް ރެކޯޑް ނުކުރެވި ހުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.
"އެއާޕޯޓް ކަހަލަ ތަންތަން، މިތަންތަނުގެ ހަރުމުދަލުގެ އިންވެންޓްރީއަށް މުދާ ރެކޯޑް ނުކުރެވި ހުރުމަކީ މައްސަލައެއް، މީ އެތައް އަގު ބޮޑު މުދަލެއް ގަނެވޭ ތަންތަން، އެހެންވީމަ ޖޫރިމަނާއެއް ކަހަލަ އެއްޗެއް އެބަޖެހޭ ކުރެވެން އެހެން ނޫނީ މި ނުއެއް ހުއްޓުވޭނެ،" ޔާމީން ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނާއި އަދި ގަވާއިދާއި ވެސް ހިލާފަށް ގިނަ ހަރަދުތަކެއް ކުރާތީ މުގައްރިރު ނާޒިމްވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ 25،000ރ. ލިމިޓުން ބޭރުވެ އިއުލާން ނުކޮށް މަސައްކަތް ކުރުވައިގެން ބައެއް މީހުންގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ޕީޖީ ވިދާޅުވި ވާހަކަ ވެސް ނާޒިމް ވަނީ ކޮމެޓީއަށް އިއްވަވައިފަ އެވެ.
"އަޅުގަނޑު ސީދާ އެ މައްސަލައިގައި ޕީޖީއާ ސުވާލުކުރީމަ މި އޮންނަނީ ވިދާޅުވެފައި ކަމުގެ ބާވަތުން ނުޖެހެއޭ އިއުލާން ކުރާކަން،" ނާޒިމް ވިދާޅުވި އެވެ.
އެ ޖަވާބާ މެދު ބައެއް މެންބަރުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވި އެވެ. ޕީޖީވެސް ގަވާއިދަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ. މިއަދުގެ ޖަލްސާ ނިންމަވާ ލެއްވީ މާލިއްޔަތު ގަވާއިދުގެ ބޭރުން ތަކުރާރުކޮށް ކުރެވޭ ހަރަދުތަކާ މެދު އޮޑިޓާ ޖެނެރަލާއި ވާހަކަދައްކައިގެން އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށެވެ.