24 Jul 2012, 16:52
ވޮޝިންޓަން (ޖުލައި 24) : އެމެރިކާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ސެލީ ރެއިޑް އުމުރުން 61 އަހަރުގައި މަރުވެއްޖެވެ. އެމެރިކާގެ ފަޒާއާބެހޭ އެޖެންސީ (ނާސާ) ބުނާގޮތުން ސެލީ އެއެޖެންސީއާ ގުޅުނީ 1978 ގައެވެ. ސެލީ، ޖައްވަށް ދިޔުމުގެ ތަމްރީން އެންމެފުރަތަމަ ހެދީ 1978 ގައި ނާސާއިން ފެށި ޕްރޮގްރާމެއްގައި ބައިވެރިވެގެންނެވެ. ޖައްވަށް ދިޔުމުގެ އެތަށް ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު އެމެރިކާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓްގެ ގޮތުގައި ސެލީ ޖައްވަށްދިޔައީ އެމެރިކާގެ ޖައްވީ އުޅަނދު ކަމަށްވާ ޗެލެންޖާ ގައި 1983 ގައެވެ.
މިދަތުރުގައި ސެލީ 6 ހަފްތާ ޖައްވުގައި ހޭދަކުރިއެވެ. ޗެލެންޖަރާއެކު ޖައްވަށް ގެންދިޔަ ދެ ސެޓަލައިޓް، ފަޒާގެ އޯބިޓްތަކުގައި ބެހެއްޓިއިރު އޭގެ ފަންނީ ކަންކަމުގައި ސެލީ ޢަމަލީގޮތުން ބައިވެރިވެފައިވެއެވެ. ފަޒާއާބެހޭ އެމެރިކާގެ މައި ޕްރޮގްރާމުން މުސްތަޤްބަލަށް ރާވާ ރޭވުންތަކުގެ ސްޓްރެޓެޖީތައް އެކަށައެޅުމަށް 2009 ގައި އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އެކުލަވާލި ފަންނީ ތަޖްރިބާކާރުންގެ ކޮމިޓީގައި ސެލީ ހިމެނުނެވެ. ސެލީއާބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ "ތަރިތަކަށް ދިޔުމަށް އެމެރިކާގެ ޒުވާން އަންހެންކުދިންނަށް ހިއްވަރުދިން ޤައުމީ ބަތަލާއަކީ ސެލީ" ކަމުގައެވެ.
ސެލީ 1989 ގައި ނާސާއިން ވަކިވެގެން ދެން ގުޅުނީ ސެންޑިޔޭގޯގައި ހުންނަ ކެލިފޯނިޔާ ޔުނިވާސިޓީއާ އެވެ. އޭނާ 61 އަހަރުގައި އިއްޔެ މަރުވީ ޕެންކްރިޔަސް ކެންސަރުގެ ބަލީގައި ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު އެބަލީގެ ޝިކާރައަކަށް ވެގެންނެވެ. ސެލީއަކީ އެމެރިކާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ކަމަށްވިޔަސް މިދާއިރާގައި އެމެރިކާއަށްވުރެ ކުރީގައި އުޅެނީ ރަޝިޔާއެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އޭރުގެ ރޫސީވިލާތުންވަނީ އެޤައުމުގެ އަންހެނެއް ކަމަށްވާ ވެލަންޓީނާ ތްރިޝްކޯވާ 1970 ގެ އަހަރުތަކުގައި ޖައްވަށް ފޮނުވައި އެންމެފުރަތަމަ އަންހެނަކު ޖައްވަށް ފޮނުވުމުގެ ރެކޯޑް މުގުރާލާފައެވެ. ވެލަންޓީނާ ޖައްވަށް ދިޔައީ ރޫސީވިލާތުގެ ޖައްވީ އުޅަނދު ވޮސްތޮކް 6 ގައެވެ. -- ނޫސްއެޖެންސީތައް