"އަހަރެން މިހިރީ. އަހަރެން އެބަ ފެނޭތަ؟ އަހަރެންގެ ރުއިމުގެ އަޑު އިވޭތަ؟ އަހަރެންގެ ވޭން އިހުސާސްކުރެވޭތަ؟ އަހަންނަށް އެހީވާނަންތަ؟ އަހަރެންގެ ހައްގުގައި ވާހަކަ ދައްކާނަންތަ؟"

މިއީ ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި މިހާރު ޝެއާކުރަމުންދާ ޕޯސްޓަރެއްގައި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނަކު އަހާ ސުވާލުތަކެކެވެ. އޭނާ އެދެނީ އެންމެ ކަމެކެވެ؛ މާދަމާ "އޮރެންޖް" ކުލަ ލުމަށެވެ. އަނިޔާވެރިންގެ މުށުން މިންޖުނުވެވިފައި ތިބި އެތައް މިލިއަން އަންހެނުންނަށް އެހީވުމަށް، އެމީހުންގެ ހައްގުގައި ތެދުވާން ތައްޔާރަށް ހުރިކަން އަންގައިދިނުމަށެވެ.

"ކޮންމެ އަހަރަކު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަ މިކުރަނީ އަންހެނުންކުރާ ހުރިހާ އަނިޔާއާއި ތަފާތުކުރުންތައް ނައްތާލުމުގެ ދުވަހުގެ ގޮތުގައި. އެކަމަކު، އަޅުގަނޑުމެން ޒުވާނުންތަކެއް ބައިވެރިކޮށްގެން މިދިޔަ މެއި މަހު އދ.ގެ ޔުނައިޓް ކެމްޕޭނުން އިސްނަގައިގެން ބޭއްވި ބައްދަލުވުމަކަށްފަހު ނިންމީ އަންހެނުންނަށް ލިބޭ އަނިޔާއަކީ ވަރަށް ބޮޑު މައްސަލައެކޭ، އެކަމާ ދެކޮޅަށް އަހަރަކު އެއް ފަހަރު ނޫނޭ ކޮންމެ ދުވަހަކު ކޮންމެ މަހަކު ތެދުވާން ޖެހެއޭ،" ކެމްޕޭން ހިންގަމުންދާ ޔުނައިޓް ޔޫތު ނެޓްވޯކްގެ ރާއްޖޭގެ މެމްބަރު ހައްވާ ލުބްނާ ބުންޏެވެ.

"އެހެންވެ، އެ ރޫހުގައި ޔުނައިޓް ކެމްޕޭނުން ނިންމީ މާދަމާ [ޖުލައި 25] އިން ފެށިގެން ކޮންމެ މަހެއްގެ 25 ވަނަ ދުވަސް އެއީ އަނިޔާ ލިބޭ އަންހެނުންގެ ހައްގުގައި އެންމެން ގުޅިގެން ނުކުންނަ ދުވަހެއް ގޮތުގައި ފާހަގަކުރަން. އެގޮތުން މިކަމަށް ތާއީދުކުރާ އެންމެން 25 ވަނަ ދުވަހު އޮރެންޖް ކުލަ ލާން މި ގޮވާލަނީ. އަދި ފޭސްބުކާއި ޓުވިޓާ އަދި ސޯޝަލް ނެޓްވޯކްތަކުގައި އަނިޔާ ހުއްޓާލުމަށް ގޮވާލައި ވީހާވެސް ގިނަ ޕޯސްޓްތައް ފޮނުވަންވީ،" ލުބްނާ ބުންޏެވެ.

މިހާރުވެސް ގިނަ ފޭސްބުކް ފްރެންޑުންނާއި ތަފާތު މުއައްސަސާތަކުން މި ކެމްޕޭނަށް ސަޕޯޓްކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީއާއި، ޔޫއެންގެ އޭޖެންސީތަކާއި އަދި އަމިއްލަ އޮފީސްތައް ހިމެނޭ ކަން އޭނާ ފާހަގަކުރެ އެވެ. މި ހަރަކާތައް ހާއްސަކޮށް ފޭސްބުކްގައި ވަނީ "އޮރެންޖް ޑޭ ޓު އެންޑް ވައަލެންސް އެގެއިންސްޓް ވިމެން އެންޑް ގާލްސް" ނަމުގައި ޕޭޖެއް ތައްޔާރުކޮށްފައި އެވެ.

"މިއީ ވަރަށް ރަގަޅު ހަރަކާތެއް. އަންހަންނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެންމެންވެސް ބައިވެރިވެ، ޕްރޮމޯޓްކުރަންވީ ޒީރޯ ޓޮލަރެންސް ޕޮލިސީ،" ކުރީގެ ޖެންޑާ މިނިސްޓާ އަނީސާ އަހްމަދު ފޭސްބުކްމުގައި ޕޯސްޓްކޮށްފައިވެ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މާދަމާ އޮރެންޖް ޑޭ ފާހަގަކުރާއިރު، އދ. ގެޔުނައިޓް ކެމްޕޭނުން ދަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ހަރަކާތްތަކުގައި ކުރިއަށް އޮތްތަނުގައި ބޭނުންކުރާނެ "އޮރެންޖް ރިބަން" ލޯންޗްކުރުމަށް ވެސް ތައްޔާރުވެފަ އެވެ.

" އަޅުގަނޑުމެން އަޒުމް މިކުރަނީ އެޗްއައިވީ ރެޑް ރިބަން ފަދައިން، އޮރެންޖް ރިބަން ދުނިޔޭގައި މަޝްހޫރުވެ، ޔުނިވާސަލް ސިމްބަލް އަކަށް ވެގެންދާނެ ކަމަށް، ޔުނައިޓް ކެމްޕޭން މެނޭޖާ އަލްޑިއަނާ ސިސިކް ވިދާޅުވެފައިވެ އެވެ.

"ޔުނައިޓް ޓު އެންޑް ވައަލެންސް އެގެއިންސްޓް ވިމެން އެންޑް ގާލްސް"އަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އިސްނަންގަވައިގެން 2009 ވަނަ އަހަރު ލޯންޗްކުރެއްވި ހަރަކާތެކެވެ. ފާއިތުވި ތިން އަހަރު ތިން އަހަރުގެ ތެރޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ކެމްޕޭން ފުޅާވެ ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ތަފާތު އެކި ގޮތްތޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް "ނޫނެކޭ" ބުނެފަ އެވެ. ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 15 ޕަސަންޓާއި 76 ޕަސަންޓާ ދޭތެރޭގެ އަންހެނުންނަށް ވަނީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ތަހައްމަލުކުރަން ޖެހިފަ އެވެ.

ރާއްޖޭގައިވެސް އަންހެނުންނަށް ކުރާޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާތަކުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް ބޮޑެވެ. ކޮންމެ ތިން އަންހެނަކުން އެކަކަކީ އެ އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ވިކްޓިމްސް އެވެ. ގިނަ ފަހަރަށް އަނިޔާ ލިބެނީ ގޭތެރެއިން، ދަންނަ މީހެއްގެ ފަރާތުންނެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލުގަ އާއި މަގުމަތީގައި ވެސް އެކި އުމުރުފުރާގެ އަންހެނުން ދަނީ ކޮންމެ ދުވަހަކު ފޮށުމާއި ބެހުން ފަދަ ތަފާތު ޖެއްސުންތަކާ ކުރިމަތިލަމުންނެވެ. އަންހެނަކަށްވީތީ ތަހައްމަލުކުރަން ޖެހޭ ތަފާތު ކުރުންތަކާއި ގޮންޖެހުންތައް ވެސް ކުޑައެއް ނޫނެވެ.

"އަޅުގަނޑުމެންނަށް އިނގޭ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާކުރުމުގެ ވަބާ ފެތުރިފައި އޮތް މިންވަރު،" ލުބްނާ ފާހަގަކުރި އެވެ." އެހެންވެ މިއީ އަޅުގަނޑުމެން ހުރިހާ ދިވެހިން އެކުވެގެން އެ އަނިޔާ އަށް ނޫނެކޭ ބުނުމުގެ ފުރުސަތު."