މަރަށް މަރުހިފަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވާތީ އެފަދަ ވާހަކަތައް ދައްކާ އެ ޕާޓީގެ ބޭފުޅުންނާ ދެކޮޅަށް ޕާޓީގެ މެންބަރުން ތެދުވަން ޖަމިއްޔަތުއް ސަލަފުން ގޮވާލާފައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ މަރަށް މަރުހިފުމުގެ ޙުކުމަކީ ހަތް އުޑުގެ މަތީން ބާވާލައްވާފައިވާ ޙުކުމެއް ކަމަށާއި އީމާންކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި އޮތް މީހަކު ވެސް ﷲ ގެ ޙުކުމްފުޅާ ދެކޮޅު ނުހަދާނެ ކަމަށެވެ.

"އެމްޑީޕީގެ ލޮބުވެތި ޢާންމު މެންބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ ކީރިތި ޤުރްއާނާ އިދިކޮޅަށް ވާހަކަ ދައްކަމުންދާ އިސްވެރިންގެ ކިބައިން އެކަން މަނާކުރަން ތެދުވަން. އަދި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ދީނާއިޚިލާފު ވާހަކަ ދެއްކުމުގެ ޖާގަ އެއްވެސް މީހަކަށް ނުދިނުމަށް،" ޢަބްދުﷲ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ ނަމުގައި ދީނުގެ ޙުކުމްތަކާމެދު ހިތުހުރި ވާހަކައެއް ވިދާޅުވުމުގެ ހައްގު ހާމިދަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި އެގޮތަށް ކަން ހިނގާ ނަމަ އެއީ އެމްޑީޕީގެ މެނިފެސްޓޯއަށް ޕާޓީގެ އިސް ވެރިން ހިޔާނާތްވެވަޑައިގަތުން ކަމަށާއި އެކަން ހުއްޓުވުމަށް މެމްބަރުން ތެދުވަން އޭނާ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އިސްލާމީ ހުކުމްތައް ތަންފީޒުކުރަން އެމްޑީޕީއާ ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ގޮވާލާ ކަމަށާއި އަދި އެކަމަށް ދެކޮޅު ހަދާފަރާތްތަކަށް އިންތިހާބްތަކުން ޖާގަ ދީގެން ނުވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެހެން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް ފެއިލްވެ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވުމުން ކަމަށެވެ. އަދި ފޭލް ވެފައިވާ އެފަދަ ނިޒާމެއް އޮތް ދަނޑިވަޅެއްގައި މަރަށް މަރު ހިފަން ފަށައިފި ނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ވެދާނެތީ ކަމަށެވެ.