މަތި އުތުރު  ޕްރޮވިންސްގެ ހުރިހާ ރަށަކަށް  ނަރުދަމާ އާއި ކަރަންޓާއި ބޯފެނުގެ އިތުރަށް ގޭހުގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2.3 ބިލިއަން ރުފިޔާގެ މަޝްރޫއެއްގައި އަޕަރ ނޯތު ޔޫޓިލިޓީސްއާ އެމެރިކާ ކުންފުންޏަކާ ދެމެދު ސޮއިކޮށްފި އެވެ.  


މަތި އުތުރު ޕްރޮވިންސުގައި ހިމެނޭ ހއ. އާއި ހ.ދ އަދި ށ. އަތޮަޅުގެ ހުރިހާ ރަށަކަށް މި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައި ވަނީ އެމެރިކާގެ މާރސިއަލް އިންޓެނޭޝަނަލް ކުންފުންޏާ އެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަޕަރ ނޯތު ޔޫޓިލިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ ވަހީދު އެވެ. އަދި މަރސިއަލް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ ބްރެޑްލީ ސްމީގަލް އެވެ.  


އަޕަރ ނޯތު ޔޫޓިލިޓީސްގެ ޖެނެރަލް މެނޭޖަރ އަލީ ހާޝިމް ވިދާޅުވީ، މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ހިންގާ ގޮތަށް ކަމަށެވެ. އަދި މަރސިއަލް ކުންފުނިން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭން އެއްބަސްވެފައިވާ ޚިދުމަތްތަކަށް ފައިސާ ޚަރަދުކޮށް، ތަޖުރިބާ ހިއްސާކުރާނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.


މި އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ޕްރޮވިންސްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރައްޔިތުންނަށް ކައްކާ ގޭހުގެ ޚިދުމަތް އެއްވެސް ދައްޗެއް ނެތި ފޯރުކޮށްދެވޭނެ ކަމަށާއި ސާފުބޯފެން ލިބޭނެ މަގުވެސް ފަހިކޮށްދޭނެ ކަމަށް މީގެ އިތުރުން، ހުރިހާ އަތޮޅުތަކެއްގެ ތެރޭގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އިތުރަށް މިހާތަނަށް ރާއްޖޭގައި ބޭނުންކޮށްފައިނުވާ، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ޕްރޮވިންސްގެ ހުރިހާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުތެރޭ ފައްޓާނެ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.


ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ "ބައޯ ފިއުލް" ނުވަތަ ގަސްގަހާގެހިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.