ލާމަރުކަޒީ ގާނޫނޫގައި ބުނެފައިވާ ގޮތަށް މާލޭސިޓީ އަވަށުގެ ބިމާއި ސިޓީ ކައުންސިލް ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރާ ގޮތާބެހޭ ގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭން ހެދުމަކީ މާލޭ ސިޓީ ކައުންސިލުން ކުރާ ކަމެއް ކަމަށް އެކައުންސިލުން ބުނެފި އެވެ.

ބަޔާނެއްގައި ނެރުމަށްފަހު ކައުންސިލުން ބުނީ މާލެ ހިމެނޭ ސަރަހައްދުގެ ބިން ބޭނުންކުރާނެ ގޮތް ނުވަތަ ލޭންޑު ޔޫސް ޕްލޭން ހެދުމަކީ މާލޭ ސިޓީކައުންސިލުން ކަމެއްކަން ގާނޫނުގައި ސާފުކޮށް ބަޔާން ވެގެން އޮތްކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން އައުމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ އަމަލުތަށް ހުރީ ސިޓީ ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުތަކާ ތައާރަޒުވާގޮތަކަށް ކަމަށެވެ

"މިގޮތުން މާލޭގެ އެކި ބިންތައް އެކި ފަރާތްފަރާތަށް ރަޖިސްޓްރީކޮށްދިނުމަށް ކައުންސިލަށް ހުށައަޅާފައި ވޭ. މިގޮތުން ހުށައަޅުއްވާއިރު ހުށައަޅުއްވާފައިވަނީ އެމިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީ އަކުން ނިންމޭނެ ކަމެއް ނޫންކަން ގާނޫނުގައި ވަރަށް ސާފުކޮށް އެބައޮތް. ގާނޫނުގައިވާ ގޮތުގެ މަތިން މާލޭ ސިޓީގެ ބިމުގެ ލޭންޑުޔޫސް ޕްލޭން ހެދުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަކަށް ވާއިރު ރަޖިސްޓްރީ ކުރަން ހުށައެޅޭ ބިން ހުށައަޅަނީ ލޭންޑު ޔޫސް ޕްލޭނާއި ތައާރަޒުވާ ގޮތަށް ކަން މި ކައުންސިލަށް ފާހަގުރެވޭ،"

ސިޓީ ކައުންސިލުން ބުނީ އާޓިފިޝަލް ބީޗް ސަރަހައްދާއި މާލޭ ސިޓީގެ ތަންތަން ތަރައްގީކުރުމުގެ ނަމުގައި ހައުސިން މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކުރުމާއި ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މާލޭގެ ބިންތައް ބޭނުންކުރުމުގެ ހައްގު ލިބެނީ ސިޓީ ކައުންސިލަށް ކަމަށް އެކައުންސިލުން ބުނާއިރު ހައުސިން މިނިސްޓްރީން ބުނަނީ ކައުންސިލުން ބިން ބޭނުން ކުރަމުން ގެންދަނީ އެގްރިމޭންޓްތަކައި ހިލާފަށް ކަމަށެވެ. ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ މާލޭގެ ޕާކްތަކާއި އެފަދަ އެހެން ވެސް ބިންބިމުގައި އެކި ފަރާތްތަކުން ތަރައްގީކުރަން ފަށާފައިވާ ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ މަސައްކަތް ހުއްޓާލަން ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.