ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ގައިގެ އެތަން މިތަނަށް ވަޅިހަރައި މަރާލި ލާންސް ކޯޕްރަލް އާދަމް ހަލީމަށް ޑަބަލް ޕްރޮމޯޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް ދިނުމަށްފަހު އޭނާގެ އާއިލާއަށް އިނާޔަތް ދިނުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ ގާނޫނުގައި ވާގޮތަށް ހަލީމަށް ޝަހީދުންގެ ދަރަޖަ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ޑަބަލް ޕްރޮމޯޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން ހަލީމްގެ އާއިލާއަށް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ އިނާޔަތްތައް ދިނުމަށް ވެސް ނިންމާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ހަލީމްގެ މުސާރައިގެ 60 ޕަސެންޓް އެއްފަހަރާ އާއިލާއަށް ދިނުމަށާއި މުސާރައިގެ 140 ޕަސެންޓަށްވާ ފައިސާ މަހުން މަހަށް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ހަލީމްގެ އާއިލާއަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދަރިފުޅުގެ އުމުރުން 18 އަހަރު ވަންދެން ބޭސްފަރުވާ ކުރުމާއި ސްކޫލް ފީ ސަރުކާރުން ދޭގޮތަށް ނިންމާފައިވާކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ފަރާތުން ހަލީމްގެ އާއިލާއަށް ފަންޑެއް ހުޅުވުމަށް ނިންފައިވާއިރު އޭނާގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.