24 Jul 2012, 15:32
ކުރީގެ ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރުގެ، މއ. ވަވަތީގައި ހިންގަމުންދިޔަ އޮފީހެއްގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމާ ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ޕީޖީއަށް ފޮނުވި މައްސަލައިގައި ދައުވާ ކުރާ ހަތް މީހުންނަކީ ސ. ހުޅުދޫ، ވެލްކަމްވިލާ އިލްޔާސް 32، އާއި މ. ރޯސަސް، އަހުމަދު ޒިޔާން 19 އާއި މއ. ތުނިވެލި، މުޙައްމަދު އުޝާން 34، އާއި އއ. ތޮއްޑޫ، ހަނދުވަރުމަތީގެ ޙަސަން ފަޒީލް 25، އާއި ސ. ހިތަދޫ، ސްޓޯބެރީގެ، މަންސޫރު އިބްރާޙިމް 29، އާއި ހަމަ އެރަށު ޔެލޯވިލާ އަދުނާން 42، ގެ އިތުރުން މއ. ޝެލޯ، ފަހުދު އިބްރާޙިމް 31، ގެ މައްޗަށެވެ.
މާޗް މަހު 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި އެ މައްސަލަ އާއި ގުޅިގެން އެ ހަތް މީހުން ހައްޔަރު ކޮށްފައިވަނީ އެކި ދުވަސް މަތިން ކަމަށް ފުލުހުން ބުނެ އެވެ.
ގިނަ އަދަދަކަށް ސެކިއުރިޓީ ކެމެރާ ހަރުކޮށް، ހައި ސެކިއުރިޓީގައި ހުންނަ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އައިި "ބްލެކް ގޯލްޑް" ގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވަގަށް ނެގި ތިޖޫރީގައި ގާތްގަނޑަކަށް ދެ ލައްކަރުފިޔާ ހުރި ކަމަށް ވެއެވެ.
އަދި ތިޖޫރީ ވަވަތި ގެއިން ތިޖޫރީ ނެރެ ޓެކްސީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ހެންވޭރު ގެއަކަށެވެ.