24 Jul 2012, 15:20
އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އެމްޑީޕީން ވާހަކަ ދައްކާތީ ހިތާމަ ކުރައްވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަރަށް މަރު ހިފުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫން ކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަަން ހާމިދު އަބްދުލް ޣަފޫރު އިއްޔެ ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ، ގިސޯސް ހިފުމާ ބެހޭގޮތުން ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާފައިވާ އާޔަތްތަކަށް އެއްވެސް ޕާޓީއަކަށް ދެކޮޅު ނެހެދޭނެ ކަމަށެވެ. އަދި އެއަށް އިންކާރުކުރާ މީހަކު ތައުބާވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދުވެސް ހިތާމައަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާގޮތަށް ވެސް އަޅުގަނޑުމެންގެ ޕާޓީ، އެމްޑީޕީ ތެރޭން ވެސް ވާހަކަ ދައްކަމުންދާތީ އަޅުގަނޑު ހިތާމަކުރަން. އެއީ ގިސޯސް ހިފުމާބެހޭ ގޮތުން ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވާ އާޔަތްތަކަށް ދެކޮޅެއް ނެހެދޭނެ. ޕާޓީއަކުން ވިޔަސް އެކަމާ ދެކޮޅެއް ނެހެދޭނެ. އެއީ ގުރުއާނުގަ ކަނޑައެޅިގެން ވަހީ ބަސްފުޅެއް. އެއަށް އިންކާރު ކުރަންޏާ އެމީހަކު ޖެހޭނެ ތައުބާވާން. އަޅުގަނޑު ގޮވާލަން އެއްވެސް ފަރާތަކުން ގިސޯސް ހިފުމާ ބެހޭގޮތުން ދެކޮޅަށް ވާހަކައެއް ނުދެއްކޭނެ. މީޑިޔާގައިވެސް ނުދެއްކޭނެ. މީހަކު ބުންޏަސް ނުވެސް ޖެހޭނެ އެވާހަކައެއް،" ނާޒިމް ވިދާޅުވި އެވެ.
އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ މަރަށް މަރު ހިފުމަކީ އެމްޑީޕީން ދެކޮޅު ހަދާކަމެއް ކަމަށެވެ. އަދި މަރަށް މަރު ހިފުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ކަމެއްކަމަށް ވާއިރު އެ ގައުމުތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުން މީހުން މެރުން މަދުވެފައިވާކަމަށް ތާފާސް ތަފާސް ހިސާބުތަކުން ނުދައްކާ ކަމަށެވެ.
މަރަށްމަރު ހިފުމާ ދެކޮޅަށް ހާމިދު ވާހަކަ ދެއްކުމާ ގުޅިގެން މިއަދު އެމްޑީޕީން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެ ނޫސްބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ މަރަށްމަރު ހިފުމަށް ތާއީދު ނުކުރައްވާ ކަމަށް ހާމިދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތުން ކަމަށެވެ.