24 Jul 2012, 15:13
މިސްކިތް އިމާރާތްކޮށް މަރާމާތު ކުރަން ހުޅުވި ވަގުފު ފަންޑުން ރާއްޖޭގެ 20 އަތޮޅެއްގެ މިސްކިތްތަކަށް 4.9 މިލިއަނަށްވުރެ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފަންޑުން ހަރަދުކުރި ގޮތުގެ ތަފްސީލުތައް މިއަދު ހާމަކުރިއިރު، އެއިން ދައްކާގޮތުން އެ ފަންޑަށް ލިބިފައިވާ ފައިސާގެ އަދަދަކީ 15489052ރ. އެވެ. އޭގެ ތެރެއިން 4956799ރ. 20 އަތޮޅެއްގެ މިސްކިތަކަށް މިހާތަނަށް ވަނީ ހަރަދު ކޮށްފަ އެވެ.
އެންމެ ގިނަ ފައިސާ ހަރަދުކޮށްފައިވަނީ އައްޑު އަތޮޅު މިސްކިތްތައް މަރާމާތު ކުރާށެވެ. އެ ތޮޅުގެ މިސްކިތްތަކުގެ މަރާމަތަށް 800000ރ. އަށް ވުރެ ގިނަން ހަރަދު ކުރި އިރު ގއ. އަތޮޅު ގެ މިސްކިތްތަކަށް 600000ރ. އަށް ވުރެ ގިނައިން ހަރަދު ކުރި އެވެ. އަދި ބ. އަތޮޅު މިސްކިތްތަކަށް 400000ރ. އަށް ވުރެ ގިނައިން ހޭދަވި އެވެ.
ތަފްސީލްތައް ދައްކާ ގޮތުން މިހާރު ފަންޑުގައި ބާކީ ހުރި ފައިސާގެ އަދަދަކީ 10.5 މިލިއަން ރުފިޔާ އެވެ.
މިނިސްޓްރީން ބުނެފައިވަނީ ރަށްރަށުގެ މިސްކިތަކުގެ ތެެރެއިން މަރާމާތުކުރަން ބޭނުންވާ މިސްކިތްތަކަށް ފައިސާ ދެނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ޕްރޮޕޯސަލް ހުށައެޅުމުން ކަމަށެވެ.