24 Jul 2012, 14:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓްގައި ބެލުމުގެ އިހުތިސޯސް ލިބޭ މައްސަލެއް ކަމަށް ފެންނަ ކަމަށާއި އެ މައްސަލަ އެކޯޓްގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހުޅުމާލޭ ކޯޓްގައި އެދެފި އެވެ.
ނޫސް ބަޔާނެއް މެދުވެރިކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ އަނބުރާ ފޮނުވާލުމުން ދިރާސާކުރިއިރު ކޯޓްތަކުގެ ގާނޫނޫގެ 67 ވަނަ މާއްދާގެ (ހ) ގައި މެޖިސްޓްރޭޓް ކޯޓްތަކުގެ މަސައްކަތް އިންތިޒާމްކޮށް ތަރުތީބު ކުރުމަށާއި ކޯޓްތަކުގެ އިދާރީ ހިންގުމުގެ ފަސޭހައަށް ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ބުނާ ކޮންމެ އިދާރީ ދާއިރާއަކަށް ވަކި ޖުޑީޝަލް ދާއިރާއެއް ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އުފެދުނީ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އަދި ޖަދުވަލު ދޭއްގައި ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން މާލެއަކީ ވަކި އިދާރީ ދާއިރާއެއް ކަމަށް ކަނޑައަޅާފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ މާލޭ ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓެއް ކަމަށް ޕީޖީ އޮފީހަށް ފެންނަ ކަމަށެވެ.
ކޯޓްތަކުގެ ގާނޫނުގެ ޖަދުވަލު ފަހެއްގެ އެއްވަނަ ނަމްބަރުގައި މެޖިސްޓްރޭޓް ކޯޓްތަކުގެ އިހުތިސޯސް ބަޔާން ކުރާއިރު (ހ) ގައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހާ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އިސްތިސްނާކޮށްފައި ނުވާ މައްސަލަތައް ބެލުމުގެ އިހުތިސޯސް މަޖިސްޓްރޭޓް ކޯޓްތަކަށް ލިބޭ ކަމަށް ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"އެ ޖަދުވަލުގެ ދެވަނަ ނަމްބަރުގައި މެޖިސްޓްރޭޓް ކޯޓްތަކަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގާނޫނާ ހިލާފު ގޮތަކަށް ކުށެއް ނުކުރާ މީހަކު ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ މައްސަލަތައް ހިމެނިފައި ނުވާތީ ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އެ މައްސަލަ [ނަޝީދުގެ މައްސަލަ] ބެލުމުގެ އިހުތިސޯސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާ ކަމަށް މި އޮފީހުން ދެކެމެވެ،" ބަޔާނުގައި ވެއެވެ.
ޕީޖީ އޮފީހުން ގާނޫނީ ނުކުތާތަކެއް ފާހަގަ ކުރުމަށްފަހު ބުނެފައި ވަނީ އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ބެލޭނެ ކަމަށް ފެންނާތީ، ކޯޓްތަކުގެ ގާނޫނުގެ 66 ވަނަ މާއްދާ އާއި 69 ވަނަ މާއްދާއާ ހަވާލާދީ އެ މައްސަލައަކީ ހުޅުމާލޭ ކޯޓްފައި ކުރިޔަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ ނިންމުންމުން އަލުން މުރާޖާ ކޮށްދިނުމަށް މިއަދު އެދިފައިވާނެ ކަމަށެވެ.
ނަޝީދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ ނިންމަވައި ހުމާލޭ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ އެވެ. އެ ދައުވާ ހުޅުމާލޭ ކޯޓަށް ފޮނުވީ އެ މައްސަލައަކީ އަބްދުﷲ މުހައްމަދާ ސީދާ ގުޅުންހުރި މައްސަލައަކަށްވުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަކީ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނާތީ ކަމަށް އޭރު ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް ފަހުން ހުޅުމާލޭ ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.
ސިފައިން އިސް ގާޒީ، ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު، ހައްޔަރުކޮށް ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 16، 2012 ގައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.