ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންއަށް މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ޤަތަރުގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަޤާފަތް މާބޮޑަށް ކަމުގޮސް އެ ޤައުމުން އެންމެ ފަހުން ގެއެއް ގަނެފިއެވެ.

ސައިފް ގެއެއް ގަނެފައި ވަނީ ދަ އެސްޓީ ރެގިސް މާސާ އަރަބިއާ އައިލެންޑް، ދަޕާލް ދޯހާ ޤަތަރުއިންނެވެ. މިއީ ޤަތަރުގެ ޕާލް އައިލެންޑްގެ ބައެއްގައި ހަދާފައި އޮންނަ ލަގްޒަރީ ރިސޯޓެކެވެ.

ގަތަރުގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ އަލްފަރްދާން ގްރޫޕުން ދޯހާގައި ބޭއްވި ހަފްލާއެއްގައި ސައިފް ވަނީ ޤަތަރުން ގެއެއް ގަނެފައިވާކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އެ ގެ ގަނެފައިވަނީ ކިހާވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގަތަރުން ގެއެއް ގަނެފައި ވަނީ ދާދިފަހުން ފިލްމީ މަސައްކަތަކާ ގުޅިގެން އެ ޤައުމަށް ކުރި ދަތުރެއްގައި ސައިފް މަޑުކޮށްގެން ހުރި ގެ އަކީ އަމާން އަދި ލަގްޒަރީ ފެންވަރުގެ ތަނެއްކަން ގަބޫލު ކުރެވި ޕްރައިވެސީ ވެސް އެތަނުގައި ލިބޭނެކަން ކަށަވަރުވުމާ ގުޅިގެން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ސައިފް އަލީ ޚާން އަންހެނުން ކަރީނާ އަދި ދަރިފުޅު ތައިމޫރުއާ އެކު ސުވިޒަލެންޑުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ހަމައެއާއެކު ޤަތަރުގައި އުޅުނު ދުވަސްވަރު އެއީ ރައްކާތެރި ޤައުމެއްކަން އެނގުނު ކަމަށާއި އިންޑިއާގައި ދިރިއުޅޭ ގޭގައި އުޅެވޭ ކަހަލަ އިހުސާސް މިހާތަނަށް ކުރެވުނީ ޤަތަރުގައި އުޅުނުއިރު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ވަރަށް އަވަހަށް ސައިފްގެ އާއިލާ އެތަނަށް ގެންދަން ނިންމާފައިވާ ކަމަށާއި ހާއްސަކޮށް ހަގު ދެ ކުދިން ކަމަށްވާ ތައިމޫރު އާއި ޖޭއަށް އެއީ ވަރަށް ކަމުދާނެ ގެއަކަށް ވާނެ ކަމަށް ސައިފް ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ސައިފް އަލީ ޚާން ޤަތަރުން ގެއެއް ގަނެފައިވާއިރު ސްވިޒަލޭންޑާއި އިނގިރޭސިވިލާތުގައި ވެސް ސައިފްގެ އަމިއްލަ ގެ ހުރެއެވެ. ހަމައެއާއެކު މަޝްހޫރު ޝާހީ ޕަތައުޑީ ޕެލެސް އަކީ ވެސް ސައިފްގެ ނަމުގައި ހުންނަ ތަނެކެވެ.