24 Jul 2012, 14:23
ފުލުހުންނާއި ސިފައިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅު ކުރުމަށް ޕީޕީއެމްއިން އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް އަހުމަދު ސަލީމް ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ބާއްވާ އެއްވުމުގައި ފުލުހުންނާއި ސިފައިންގެ އާއިލާތައް ބައިވެރިވުމަށް ޕީޕީއެމުން އެދޭ ކަމަށެވެ.
ސަލީމް ވިދާޅުވީ މީގެ ކުރިން ވެސް ފުލުހުންނަށް ގޯނާ ކުރަން ގޮވާ ހަމަލަދީފައިވާ ކަމަށާއި ފުލުހުންގެ އާއިލާތައް ދިރިއުޅެމުން ދިޔަ ގޭގޭގެ ވެރިންނަށް އެމްޑީޕީން ބިރުދައްކައި އެމީހުން ގެއިން ވެސް ނެރެފައިވާ ކަމަށެވެ. އެގޮތުން އެއްމަހުގެ ކުއްޖަކާއެކު ގެއްގެ ދިރިއުޅެމުންދިޔަ ފުލުހެއްގެ އާއިލާއެއް ގެއިން ބޭރުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީ މުޒާހަރާތަކުގައި ފުލުހުންނަށް ތަފާތު އަނިޔާތައް ދެމުންގެންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"މަގުމައްޗަށް ނުކުމެ މި އުޅެނީ ކުރިން ނަޝީދުގެ ޕާޓީއަށް ފޯމު ފުރައިދިން ކްރިމިނަލް އެކްޓިވިސްޓުންތަކެއް. މިހާރު ވެސް ނަޝީދު ހިމާޔަތްކޮށް ވެރިކަމަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާ މީހުންނަކީ އެއީ. ވަރަށް މަދު މީހުން ކޮޅެއް. ކޮންމެ ރަށެއްގައި ވެސް އޭގެ ފަސް ހަ މީހަކު އެބައުޅޭ. މިމީހުން އެގޮތަށް ގޯނާ ކުރަމުން މިދަނީ،" ސަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ ކުށްކުރުމުން ބަލަންވީ ކުއްކުރި މީހާ ރަޖިސްޓްރީ ކޮށްފައި އޮތީ ކޮންޕާޓީއެއްގައިތޯ ނޫން ކަމަށާއި ބަލަންވީ އެމީހާ ކުރި ކުށަށް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރުގެ ޒިންމާ އެމްޑީޕީން އުފުލަން ޖެހޭނެ ކަމަށެވެ.
ކ. ކާށިދޫގައި ޑިއުޓީއަށް ދިޔަ މަގުމަތީ އިއްޔެ ރޭ ވަޅިން ހަމަލަދީ މަރާލި އެ ރަށު ކެތީ، ލާންސް ކޯޕްރަލް ހަލީމްގެ މަރުގެ ތުހުމަތާ ގުޅިގެން ހައްޔަރު ކުރި އެރަށު ސުވާސާގޭ، މުހައްމަދު ސަމާހު 22،ގެ ރަޖިސްޓްރީ ޕީޕީއެމްގައި އޮތް ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން ސަލީމް ވިދާޅުވީ އެކަން އެޕާޓީން އަދި ބަލާފައިނުވާ ކަމަށެވެ.