24 Jul 2012, 13:24
ރާއްޖޭގެ ޕޯސްޓްގެ ހިދުމަތް ފުޅާ ކުރަން ޕޯސްޓް އޮފީސް މެދުވެރިކޮށް އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓޭންޓް ޑިރެކްޓަރު އައިޝަތު އިޝާނާ ވިދާޅުވީ ޕޯސްޓުން އަލަށް ތައާރަފުކުރާ ހިދުމަތްތަކުގެ ތެރޭގައި އަތޮޅުތަކުގައި އައިޑީ ކާޑުގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ކަމާބެހޭ މުއައްސަސާ ތަކާއި މަޝްވަރަކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކަށްފަހު އަތޮޅުތަކުގެ ތެރޭގައި ކަނޑައަޅާ ވަކި ރަށްތަކަކަކުން އެ ހިދުމަތްތަށް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ ދެ ހިދުމަތް ދޭން ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.
"ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން އަޅުގަނޑުމެން މިހާރު ދެމުންދާ ހިދުމަތްތަކުގެ އިތުރުން ކުރިއަށް އޮތްތާނގައި އެބަ ބަލަން އައިޑީކާޑްގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ދެވޭތޯ. މި ހިދުމަތްތައް ދިނުމަށް ކަމާގުޅޭ ޑިޕާޓްމަންޓްތަކާއި ވާހަކަ ދެއްކުމުގެ މަސައްކަތް ކުރިއަށް ދަނީ،" އިޝާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޯސްޓްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރު އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވަން ޖެހޭ ރަސްމީ ސިޓީތަކާއި ޑޮކިއުމެންޓްތައް ޕޯސްޓް އޮފީސް މެދުވެރިކޮށާއި އޮންލައިނާއި އީކޮމާސް ސާވިސް މެދުވެރިކޮށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ގައުމީ ދާރުލް އާސާރުގައި ޓޫރިސްޓުންނަށް އަމާޒުކޮށް "ފިލެޓެލިކް" މިއުޒިއަމެއް ހުޅުވަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އިޝާނާ ވިދާޅުވި އެވެ. އަލަށް ހަދާ އެ މިއުޒިއަމްގައި މިހާތަނަށް ރާއްޖެއިން ނެރެފައިވާ ސްޓޭމްޕްތައް، މައުލުމާތުތަކާއެކު ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ އެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ނޭޝަނަލް މިއުޒިއަމްގައި ފިލެޓެލިކް މިއުޒިއަމެއް ހުޅުވަން އެބަ ތައްޔާރުވާން. އެ މިއުޒިއަމްގައި އަޅުގަނޑުމެން މިހާތަނަށް ނެރެފައިވާ ސްޓޭމްޕްތައް ފެންނަން ހުންނާނެ ޓޫރިސްޓުން ނަށް ބޭނުން ސްޓޭމްޕްތަކާއި ގުޅޭ ގޮތުން މައުލޫމާތު ލިބޭނެ. އަދި މިއުޒިއަމްގައި ބެހެއްޓިފައި ހުރި ކައުންޓާއިން ހިދުމަތްތަށް ފޯރުކޮށްދެވޭނެ،"
މޯލްޑިވްސް ޕޯސްޓްގެ ޗެއާމަން އަހުމަދު ނިޒާމު ވިދާޅުވީ ޕޯސްޓްގެ ހިދުމަތް ކުރިއަރުވަން ޕައިލެޓް ޕްރޮޖެކްޓެއް ގެ ދަށުން އަތޮޅުތެރޭގައި ހުރި ބިންތައް އާ ވިސްނުމެއްގެ ތެރެއިން ޑިވޮލޮޕް ކުރުމަށް ފަހު އެތަން ތަނުން ގިނަ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި މިފަހަރުގެ ޕްރޮޖެކްޓްގައި ހިމެނެނީ އައްޑޫއާ ފުވައްމުލަކުގެ ރަށްރަށަށް ގދ. ތިނަދޫއާ ލ. އަތޮޅުގެ ރަށްރަށާއި ހދ. ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫ ކަމަށެވެ.