25 Aug 2010, 04:49
09:56
މާލެ އާއި ތިލަފުށްޓާއި ސަރަޙައްދީ ދެ ބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމަށާއި މުދާ އެރުވުމަށް މިހާރު ދެއްވަމުން ގެންދަވާ ވަގުތީ ހުއްދަ ދެއްވުން ހުއްޓަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އިއްޔެގެ ޖަލްސާގައި، މިގޮތަށް ނިންމެވީ މާލެ އާއި ތިލަފުށްޓާއި ސަރަޙައްދީ ދެބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބާލައި އެރުވުމުން ކުރިމަތިވާ މައްސަލަތަކުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހުގަ އެވެ.
އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ބަނދަރުތަކުގެ ވިޔަފާރި ތަރައްޤީ ކުރެއްވުމަށްޓަކައި އެބަނދަރުތަކަށް ކަނޑުމަގުން އެތެރެކުރާ ހުރިހާ މުދަލެއްގެ ޑިއުޓީން 30 ޕަސެންޓް މަޢާފްކޮށް ދެއްވާފައިވުމާ އެކު، އެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް އެތެރެވަނީ ކޮންބާވަތެއްގެ މުދަލެއްތޯ ބަލައި، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ ވެސް މިހާރު ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް ކަމަށް މެންބަރުން ވިދާޅުވި އެވެ.
މިސަބަބުތައް މިހެން ހުރުމާ އެކު، މާލެއާއި ތިލަފުށްޓާއި ސަރަޙައްދީ ދެބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމާއި އެރުވުމުގެ ވަގުތީ ހުއްދަ ދެއްވުން މިހާ ހިސާބުން ހުއްޓަވާލެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.