ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ކޮށްފައިވާ ގާނޫނު އަސާސީއާ ހިލާފުކަންތައްތައް ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ހުރި މައްސަލަތަށް ބެލުމަށް އެކުލަވާލި ވަގުތީ ކޮމެޓީގެ މުގައްރިރަކަށް ވެސް އަބްދުﷲ ޖާބިރު އިންތިހާބުކޮށްފި އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އޮތީ މިއަދު ހެނދުނު އެވެ. އެ ބައްދަލުވުމުގައި ކުރިއަށް ދިޔައީ ކޮމެޓީގެ މުގައްރިރަކާއި ނައިބު މުގައްރިރަކު އިންތިހާބު ކުރުމެވެ. ކޮމެޓީގެ މުގައްރިރަކަށް ހޮވިވަޑައިގެންނެވީ މައްސަލަ ހުށަހެޅުއްވި އަބްދުﷲ ޖާބިރެވެ. އަދި ނައިބު މުގައްރިރަކަށް ހޮވިވަޑައިގަތީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކެވެ.

ކޮމެޓީގެ މުގައްރިރަކަށް ހޮވިވަޑައިގެންނެވި ޖާބިރު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެ ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްދާނީ ސިއްރުކޮށްގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ކޮމެޓީގެ މަސައްކަތްތައް އިރާދަކުރެއްވިޔާ ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމާލަ ދޭނަން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރާއި ނިހާންގެ އިތުރުން ދެން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ބިރުދައްކައި ނުފޫޒު ފޯރުވުމާއި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގަނޫނީ އަމުރުކުކޮށްފައިވާ ކަމަށެވެ.

އަދި ރައީސުލްޖުހޫރިއްޔާގެ ހައިސިއްޔަތުން ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އެމަނިކުފާނު އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ގާނޫނާ ހިލާފަށް ބޭނުންކުރުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށް ވަނީ ގަރާރުގައި ބުނެފަ އެވެ.