24 Jul 2012, 13:03
މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ޙުސައިން ބާއްވަވާ ރަސްމީ ހަފުލާ މާދަމާރޭ ޤައުމީ ދާރުލްއާސާރުގައި ބާއްވާނެ އެވެ. ހަފުލާ ފަށަނީ މާދަމާ ރޭ 10:00 ޖަހާއިރު އެވެ.
ރައީސް އޮފީހުން ބުނީ މާދަމާ ރޭގެ ހަފުލާއަށް ރައީސްގެ ދެކަނބަލުން ވަޑައިގެން، ހުއްޓިވަޑައިގަތުމުން ޤައުމީ ދިފާއީ ބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅޭނެ ކަމަށާއި އޭގެ ފަހުން މަރުހަބަ ވިދާޅުވުމުގެ ގޮތުން ހަފުލާގެ ބައިވެރިންނާ މުހާތަބު ކުރައްވާ ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި އެފަރާތްތަކާއި ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
މާދަމާރޭ ހަފުލާއަށް ރާއްޖޭގެ ކުރީގެ ދެ ރައީސުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، އުއްތަމަ ފަނޑިޔާރަށާއި، ވަޒީރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، މިނިސްޓަރުންގެ ނައިބުންނަށާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފަ އެވެ. މީގެ އިތުރުން މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.