ކުރީގެ ރައީސުންނަށް ދައުލަތުގެ މާލިއްޔަތުން ދޭ އިނާޔަތްތަކާއި އެ އިނާޔަތްތައް ބޭނުން ކުރާ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތްތައް ދެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލަން މިއަދު މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސުންނަށް ދައުލަތުން އިނާޔަތް ދެވޭ ގޮތާއި އެ އިނާޔަތްތައް ކުރީގެ ރައީސުން ބޭނުންފުޅު ކުރައްވަމުން ގެންދަވާ ގޮތާމެދު ސުވާލުއުފެދޭ ކަމަށާއި ކޮމެޓީން އެކަން ބަލަންޖެހޭނެ ކަމެއް ކަމަށެވެ.

ކޮމެޓީއަށް އިދާރީ މައްސަލަ ހުށަހެޅުމުގެ ވަގުތުކޮޅުގައި ސަލީމް އެ މައްސަލަ ހުށަހެޅުއްވުމުން ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ފުރަތަމަ ސާފުކުރަން ޖެހޭނީ އެކަމަށް ކުރާ ހޭދަ ކަމަށެވެ. އަދި އެކަންކަން ސާފު ކުރަން ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް މާލިއްޔަތުން ހަރަދުކުރާ ފައިސާ ކޮމެޓީން ސާފު ކުރާއިރު ކުރީގެ ރައީސުންގެ ގޮތުގައި މި ވަގުތު ދުނިޔޭގައި ތިއްބެވި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހަންމަދު ނަޝީދެވެ. އެ ދެބޭފުޅުން ވެސް ގެންގަދަވަނީ އެބޭފުޅުންނަށް ދައުލަތުން ލިބިވަޑައިގަންނަވާ ހުރިހާ އިނާޔަތްތަކެއް ނަންގަވަމުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ތެރޭ އިސްތިއުފާދެއްވި ރައީސް ނަޝީދުގެ މާލީ އިނާޔަތަށް 1.5 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ބަޖެޓުން ހޭދަކޮށްފަ އެވެ.